ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ރޭ ހުޅުވާލައިފިއެވެ.

މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާއި އެއްގޮތަށް ދައްކާފައިނުވާ ކަމަށް ކަނޑައަޅައި އޭނާގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

މިއާއެކު އިލެކްޝަން ކޮމިޝަނުން އިއްޔެވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުގައި ކަމަށް ކަނޑައަޅައި އެކަން އިއުލާން ކޮށްފައެވެ.

ސަރުކާރު ހިންގާ ޕީއެންސީން ރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 19 ވާ ބުދަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކަކަށް ވުރެ ގިނަ ފަރާތްތަކުން ޕީއެންސީގެ ޓިކެޓަށް އެދި ހުށަހަޅައިފި ނަމަ، ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމުގައެވެ.

ޓިކެޓަށް އެދި ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ކަމަށާއި، އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފަދަ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެ ކަމަށް ޕީއެންސީން މަޢުލޫމާތު ދެއެވެ.

ޕީއެންސީން ބުނިގޮތުގައި އެޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށެވެ. ވޯޓުލެވޭ މީހުންގެ ލިސްޓު މި މަހުގެ 20 ވަނަ ދުވަހު އާންމުކުރުމަށް ނިންމާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ރަސްމީ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު