ކުރީގެ ލޯބިވެރިޔާއާ އަލުން ގުޅުމުން ރަހުމަތްތެރިން ފޫހިވަނީ އެ ލޯބިވެރިޔާގެ ނައްސަލަ ހައްލުކުރަން އެދެވޭ މަސައްކަތެއް ނުކުރާތީ
ކުރީގެ ލޯބިވެރިޔާއާ އަލުން ގުޅުމުން ރަހުމަތްތެރިން ފޫހިވަނީ އެ ލޯބިވެރިޔާގެ ނައްސަލަ ހައްލުކުރަން އެދެވޭ މަސައްކަތެއް ނުކުރާތީ
ގްރޫޕް ޗެޓްތަކުގައި ތިބޭ ރަހުމަތްތެރިން ތިބީ ފާޑުކިޔަން ތައްޔާރަށެވެ. އެމީހުން ދައްކާ ވާހަކަތަކަށް ކުޑަކޮށް ނަމަވެސް ސަމާލުކަން ދިނުމަކީ ތިބާގެ ފަރާތުން އެމީހުންގެ ކެތްތެރިކަމަށް ދެވޭނެ އެންމެ ކުޑަ އިހުތިރާމެވެ.

ކޮންމެ މީހެއްގެ ރަހުމަތްތެރިންގެ ތެރޭގައި ވެސް، ކުރީގެ ލޯބިވެރިޔާއާ ތަކުރާރުކޮށް ގުޅޭ އެކަކު އުޅޭނެއެވެ. ގުޅުން ކެނޑުމަށްފަހު ދެވޭ ނަސޭހަތްތަކާއި، "މީގެ ފަހުން ދުވަހަކުވެސް އެމީހާއާ ނުގުޅޭނަން" ކަމަށް ބުނާ ބުނުންތަކަށް ފަހު ވެސް، އެއީ މައްސަލަ ބޮޑު މީހެއްކަން އެނގި ހުރެ، އަނެއްކާވެސް އެމީހާއާ ސުލްހަވެ ގުޅެއެވެ.

ފިލްމުތަކާއި، ޓީވީ ސީރީޒްތަކާއި، ފޮތްތަކުގައި މިފަދަ ކަންކަމަކީ އާންމު ކަމެއްގެ ގޮތުގައި ދައްކައެވެ. މިސާލަކަށް 'ސެކްސް އެންޑް ދަ ސިޓީ' ގެ ކެރީ އަދި ބިގްގެ ގުޅުމަކީ މީގެ ސާފު މިސާލެކެވެ. މިއީ ބަލަން ތިބޭ ރަހުމަތްތެރިންނަށް ބޮޑު ބޯހާސްކަމެއް ގެނުވާ ކަމެކެވެ.

ދާދި ފަހުން 'ދަ ސީކްރެޓް ލައިވްސް އޮފް މޯމަން ވައިވްސް' ގެ ތަރިން ކަމަށްވާ ޓޭލާ ފްރޭންކީ ޕޯލް އަދި ޑަކޯޓާ މޯޓެންސަންގެ ފަރާތުން ފެންނަ މިފަދަ ގުޅުންތަކަކީ މިއަށްވުރެ މާ ސީރިއަސް މައްސަލަތަކެކެވެ. ޓޭލާ އަދި ޑަކޯޓާގެ ގުޅުމަކީ މައްސަލަ ބޮޑު، އާންމުންގެ ތެރޭގައި ފަޅާއަރާފައިވާ ގުޅުމެކެވެ. މާޗް މަހު ދިން އިންޓަވިއުއެއްގައި ޓޭލާ ބުނެފައިވާގޮތުގައި "އެދެމީހުންނަށް ކުރިއަކަށް ނުދެއެވެ. ބައެއް ފަހަރު އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. އަނެއްބައި ފަހަރު ތަޅާފޮޅައެވެ. މިއީ އެފަދަ ހާލަތެއްގައި ނޫޅޭ މީހަކަށް ކިޔައިދޭން އުނދަގޫ ކަމަކަށް ވެދާނެ ކަމުގައެވެ.

އެހެންނަމަވެސް، ހަގީގަތަކީ ސިއްހަތަށް ނުރައްކާތެރި ނުވަތަ އަނިޔާވެރި ގުޅުމަކުން ވަކިވުމަކީ ބުނާހާ ފަސޭހަ ކަމެއްވެސް ނޫނެވެ. މީހުން އެފަދަ ގުޅުންތަކުގައި ތާށިވަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި ލަދުގަތުމާއި، އާއިލާ ރޫޅާނުލަން ބޭނުންވުން ފަދަ ނަފްސާނީ ސަބަބުތަކާއި، މާލީ ގޮތުން ބަރޯސާވާން ޖެހުން ފަދަ ކަންކަން ހިމެނެއެވެ. އަދި ގުޅުން ކަނޑާލައިފިނަމަ އަނިޔާވެރިކަން އިތުރުވެދާނެ ކަމުގެ ބިރުވެސް އޮތުމަކީވެސް އެއް ސަބަބެވެ.

ޓޭލާ އާއި ޑަކޯޓާގެ ދެމެދުގައި ހިނގަނީ ކޮން ކަމެއްކަން ސާފުކޮށް ނޭނގުނަސް، އެކަމުގެ އަސަރު އެހެން މީހުންނަށް ކުރާކަން ސާފެވެ. ރަހުމަތްތެރިންނަށް މިފަދަ މީހަކަށް ތާއީދުކޮށް އެހީތެރިވުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ އެމީހާ ބޭނުން ނުވާ ކަމަށް ބުނާ ކަންކަން ތަކުރާރުކޮށް ކުރަމުންދާތީއެވެ.

މިއީ ގިނަ ބަޔަކު ތަޖުރިބާކުރާ ކަމެކެވެ. ރަހުމަތްތެރިޔާގެ ކޮންމެ 'ގުޅުމާއި' 'ވަކިވުމެއްގައި' އަރިހުގައި ހުރެ، އެތައް ގަޑިއިރަކު ޝަކުވާތައް އަޑުއަހައި، ފޮނުވާނެ މެސެޖުތައް ތައްޔާރުކޮށްދިނުމަށްފަހު، އަނެއްކާވެސް އެ ގުޅުން ތަކުރާރުވާ މަންޒަރު ބަލަން ހުންނަން ޖެހުމެވެ.

މިކަމާ ބެހޭގޮތުން ވާހަކަދެއްކި އަންހެނަކު ބުނި ގޮތުގައި، އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް އެތައް ފަހަރަކު ނަސޭހަތްދީ، ވިސްނައިދޭން މަސައްކަތް ކުރުމުން، އޭނާވީ "ނުފޫޒު ފޯރުވާ" އަދި "ހަސަދަވެރި" މީހަކަށެވެ. "ވިހަ ގުޅުންތަކުގައި އުޅޭ މީހުންނަށް ތަދުވާކަން ގަބޫލުކުރަން، އެކަމަކު އެކަމުގެ ސަބަބުން އެހީތެރިވާން އުޅޭ ރަހުމަތްތެރިންގެ އިހުސާސްތަކަށް ކުރާ އަސަރުވެސް ދަންނަން ޖެހޭނެ،" އޭނާ ބުންޏެވެ.

ރަނގަޅު ރަހުމަތްތެރިންނަކީ ހުރިހާ ހާލަތެއްގައި ވެސް އެހީތެރިވާން ޖެހޭ ބައެއް ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންވެ، އަހަރެމެން "މިފަހަރު ތަފާތުވާނެ" ކަމަށް ރަހުމަތްތެރިޔާ ބުނުމުން، ހިތާދެކޮޅަށް ވިޔަސް ހިނިތުންވެލާފައި "އަހަރެން ބޭނުމީ ކަލޭ އުފަލުގައި ހުރުން" ކަމަށް ބުނެ ނިންމާލަނީއެވެ.

ނަމަވެސް، ހަމައެކަނި ރަހުމަތްތެރިޔާއަށް އެހީތެރިވުމަށް އިސްކަންދޭއިރު، ތަކުރާރުކޮށް 'ތެރަޕިސްޓެއްގެ' ރޯލު އަދާކުރަން ޖެހުމަކީ ވަރުބަލިކުރުވާ ކަމެކެވެ. ނަފްސާނީ އިލްމުވެރިން މިއަށް ކިޔަނީ "ކޮމްޕެޝަން ފެޓީގް" (އޯގާތެރިކަމުން ވަރުބަލިވުން) އެވެ. މިފަދަ ހާލަތްތަކުގައި މާޔޫސްވުމަކީ ތިބާ ނުބައި މީހަކަށް ވާ ކަމެއް ނޫނެވެ. ރަހުމަތްތެރިކަން ދެމިއޮންނަނީ ދެފަރާތުގެ އިހުތިރާމުގެ މައްޗަށެވެ. އެކަމަކު ތިބާ ދޭ ނަސޭހަތަށް ގަސްތުގައި އިހުމާލުވާނަމަ، އެ އިހުތިރާމް ކެނޑިގެންދާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ކުރީގެ ލޯބިވެރިޔާ ދޫކޮށްނުލެވޭ ރަހުމަތްތެރިޔާއަށް އެހީތެރިވާނީ ކިހިނެއް؟

މިއީ ވަރަށް ނާޒުކު ހާލަތެކެވެ. ތިބާގެ އަމިއްލަ ނަފްސުގެ ހަމަޖެހުން ގުރުބާން ނުކޮށް ރަހުމަތްތެރިޔާއަށް އެހީތެރިވާން ޖެހެއެވެ.

ނަފްސާނީ އިލްމުވެރިން ލަފާދޭ ގޮތުގައި، "އެމީހާއާ ވަކިނުވަންޏާ އަހަރެން ދެން ކަލެއާ ވާހަކައެއް ނުދައްކާނަން" ފަދަ އިންޒާރުތައް ދިނުމުގެ ބަދަލުގައި، ރަހުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި އަންނަނިވި ފަދަ ބައެއް އުސޫލުތައް ކަނޑައެޅިދާނެއެވެ.

1. "ކަލޭ ބޭނުމީ ނަސޭހަތެއްތަ ނުވަތަ ހަމައެކަނި ހިތުގެ އުދާސްތައް ބޭރުކޮށްލަންތަ؟": މިއީ ރަހުމަތްތެރިޔާ ބޭނުންވާ ގޮތް ސާފުކޮށްލުމަށް އެހީތެރިވެދޭނެ ސުވާލެކެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ވާހަކަ ދައްކާލަން ކަމަށްވާނަމަ، ހައްލު ހޯދައިދޭން ތިބާ ކުރާ މަސައްކަތުން ސަލާމަތްވާނެއެވެ.

2. "އެއްކަމެއް ތަކުރާރުވާތީ ބަލަން އުނދަގޫވޭ. މި ވާހަކަ ބާއްވާފައި އެހެން ކަމަކަށް ސަމާލުކަން ދެމާ ހިނގާ؟": މިހެން ބުނުމުން، އެ މައްސަލައިގެ ތެރެއަށް ނުވަދެ ރަހުމަތްތެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެއެވެ.

3. "އަހަރެން ކަލެއަށް ވަރަށް ގަދަރުކުރަން، އެކަމަކު މި ވާހަކަތަކުން އަހަރެން މިހާރު ވަރަށް ބޮޑަށް ބޯގޮވާ ގޮތްވޭ. ކުޑަ ދުވަސްކޮޅަކަށް މި ވާހަކަ ނުދައްކާ ތިބެވިދާނެތަ؟": މިއީ ތިބާގެ އަމިއްލަ ނަފްސަށް އިސްކަންދޭކަން ހާމަކޮށްދޭ، އެހެންނަމަވެސް ރަހުމަތްތެރިކަމަށް ބުރޫނާރާނެ ގޮތެކެވެ.

ފަހު ބަހަކަށް ބުނާނަމަ، ތިބާގެ އަމިއްލަ ނަފްސުގެ ހަމަޖެހުން ހޯދުމަކީ ތިބާ "ނުބައި" ރަހުމަތްތެރިޔަކަށް ވާ ކަމެއް ނޫނެވެ. އަދި ތިބާ އަކީ އަބަދު ރަހުމަތްތެރިޔާގެ މައްސަލަތައް އަޑުއަހަން ޖެހޭ މީހެއް ނޫނެވެ. އަދި ތިބާއަކީ ކުރީގެ ލޯބިވެރިޔާގެ ވާހަކަ ގްރޫޕް ޗެޓުގައި އަބަދު ދައްކާ މީހާ ނަމަ، ތިބާގެ ރަހުމަތްތެރިން ތިބާއަށްޓަކައި ކުރާ ކެތްތެރިކަން ބަލައިގަނެ، އެކަން ފާހަގަކުރުމަކީ އެންމެ ކުޑަމިނުން ކުރެވިދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު