ސިމެންތި ބަސްތާއެއް، ފޮޓޯ: ވިލާ ހަކަތަ
ސިމެންތި ބަސްތާއެއް، ފޮޓޯ: ވިލާ ހަކަތަ
ރާއްޖޭގެ ބާޒާރުގައި ސިމެންތި ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސިމެންތި ސަޕްލައިކޮށްދޭނެ އިތުރު ހަތަރު މާކެޓެއް މިހާރު ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ބާޒާރުގައި ސިމެންތި ނުލިބިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކްރައިސިސް ކޮމިޓީން ގިނަ މަސައްކަތްތަކެއް ކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް އާންމުކޮށް ސިމެންތި ގެންނަ މާކެޓުތަކުން މެދުކެނޑުމެއްނެތި ސިމެންތި ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާކެޓަށް އަތުވެދާނެ ލޮޅުމަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖެއަށް ސިމެންތި ގެންނަ މާކެޓުން ސިމެންތި ގެނައުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތަކަށް ވިސްނައިގެން މަސައްކަތް ކުރެވިފައިވާކަމަށެވެ. އެގޮތުން ބަދަލުގައި ބޭނުންކުރެވޭނެ އިތުރު 4 ސަޕްލަޔަރަކު މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރުކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ދާއިރާއަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ސިމެންތީގެ އަގަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު ހުރީ 300 ރުފިޔާއަށްވުރެ މަތީގައެވެ.

އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާރޗު މަހު ވަނީ 250 ރުފިޔާއަށް އުފުލިފައެވެ. ނަމަވެސް މިހާރު ބާޒާރުގައި ސިމެންތީގެ އަގުތައް ދަށަށް ދާން ފަށާފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު