ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށް، އެ ސިޓީގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން، އެ ސިޓީގެ އެކި ދާއިރާތަކަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އެގޮތުން ގޮނޑިތައް ބެހިފައިވާ ގޮތަކީ:

ހިތަދޫ: 06 ގޮނޑި

މަރަދޫ: 01 ގޮނޑި

މަރަދޫފޭދޫ: 01 ގޮނޑި

ފޭދޫ: 02 ގޮނޑި

ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މި ހުރިހާ ދާއިރާއެއް ހިމެނޭހެން ޖުމްލަ 11 ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި އެންމެ ވާދަވެރި ނަތީޖާއެއް ފެނިގެންދިޔައީ ހިތަދޫ މޫލެކެޑެ ދާއިރާއިންނެވެ. އެ ދާއިރާގެ ގޮނޑިއަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މިހާރުވެސް އެ މަޤާމުގައި ހުންނެވި އަޙްމަދު ސައީދު ވާދަކުރެއްވިއިރު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ އަޙްމަދު ނަޒީރެވެ. ވަރަށް ކުޑަ ތަފާތަކުން މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ނަޒީރެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އަޣުލަބިއްޔަތުވެސް އެމްޑީޕީން ވަނީ ހޯދާފައެވެ. މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސިޓީތަކުންވެސް އިދިކޮޅު އެމްޑީޕީން ވަނީ ސިޓީކައުންސިލްގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު