ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތަކުން އެމްޑީޕީއަށް ލިބިގެންދިޔައީ ހީވެސް ނުކުރާވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި އިދިކޮޅު ޕާޓީއަކުން މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާއަކީ މި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އޮތް މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ޣަފޫރު ސިފަކުރެއްވިއެވެ.

"ރައްޔިތުން ބޮޑުތަނުން ސަރުކާރަށް މި ބުނީ ނޫނެކޭ. ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާށޭ، ކޮރަޕްޝަން ނުހިންގާށޭ. ކައުންސިލްތަކުގެ ބާރުވެރިކަން ޤާނޫނުގައި އޮތް ގޮތަށް ދީގެން ކުރިއަށްދާން ރައްޔިތުން ބޭނުންވަނީ،" ޣަފޫރު ވިދާޅުވިއެވެ.

ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ވަޒީފާގެ ބޭނުން ހިފާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ޣަފޫރު ވިދާޅުވީ، އާބާދީގެ ނިސްބަތަށް ބެލުމެއް ނެތި، "އޯވަރ ދަ ކައުންޓަރުން" ވަޒީފާ ބަހަމުންދިޔަ ކަމަށެވެ. އަދި ސިޔާސީ މަޤާމުތަކުގެ އަދަދު އެމެރިކާ ފަދަ ބޮޑެތި ޤައުމުތަކާ އެއްވަރުވެފައިވާ އިރު، އޮފީހަށް ހާޒިރުވާން ނުޖެހި، ފޯނުން އިންވެލާފައި 60،000 ރުފިޔާގެ މުސާރަ ނަގާ މީހުން ސަރުކާރުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަން ފާހަގަކުރައްވަމުން ޣަފޫރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމާއި، އިލެކްޝަންސް ކޮމިޝަނުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބޭފުޅަކަށް ހެދުމާއި، މީޑިއާ ކައުންސިލްގެ ބާރު ކަނޑުވާލުން ފަދަ ކަންކަމަކީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ފަސް ސިޓީގެ ސުޕަރ މެޖޯރިޓީ ހުރިހާ މޭޔަރުންނާއެކު ރައްޔިތުން އަޅުގަނޑުމެންނަށް ދިނީ. މިއީ ވަރަށް ސާފު މެސެޖެއް. ރައްޔިތުން ބޭނުންވަނީ ޤާނޫނީ ވެރިކަމެއް. އިޖުތިމާއީ އަދާލަތު ގެއްލިގެން ދިޔުމުން ރައްޔިތުން ނޫނެކޭ ބުނީ،" ޣަފޫރު ވިދާޅުވިއެވެ.

ވަޒީފާގެ ފުރުޞަތުތައް ދިނުމުގައި ކިޔަވައިގެން ތިބި ކުދިންނަށް އިސްކަންދިނުމުގެ ބަދަލުގައި، ވަކި ބަޔަކަށް އިސްކަންދޭ ކަމުގެ ޝަކުވާވެސް ޣަފޫރު ކުރެއްވިއެވެ. ޣަފޫރު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ވަރަށް ބޮޑަށް ވިސްނާ، ކަންކަން ހިނގާގޮތް ދެނެތިބި ބައެއް ކަމަށާއި، ސިޔާސީ ބޭފުޅުން މިކަމާ މެދު ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެ ކަމަށެވެ.

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީ.އެން.ސީގެ މައްޗަށް އިދިކޮޅު އެމް.ޑީ.ޕީން ވަނީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިގޮތުން، ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތަކުގެ އިތުރުން، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ގޮނޑިތައްވެސް ކާމިޔާބުކޮށްފައިވަނީ އެމް.ޑީ.ޕީންނެވެ.

މީގެއިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގައިވެސް ރައްޔިތުން ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރު ހިންގާ ޕީ.އެން.ސީން ދެ އިންތިޚާބު އެއްކޮށްލުމަށް ވަކާލާތުކޮށް ކެމްޕޭން ކުރި ނަމަވެސް، އެމް.ޑީ.ޕީން ވަނީ އެކަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔައީ މިކަމުގައިވެސް ރައްޔިތުން އިދިކޮޅު އެމް.ޑީ.ޕީގެ ނިންމުމަށް ތާއީދުކުރި ތަނެވެ.



ކިޔުންތެރިންގެ ހިޔާލު