ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ މަރުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ އިތުރު 20 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ހެޝަން އަކީ އަމީން މިއާގެ ގައިގައި ޖެހުނު އެކްސްކަވޭޓަރު ދުއްވަން އިން މީހާއެވެ. ނަމަވެސް އޭނާގެ ދިފާއުގައި ހެޝަން ބުނެފައިވަނީ އޭނާ ކުރީ މަސައްކަތުގެ ގޮތުން ކުރަންޖެހޭ ކަންކަން ކަމަށާއި، އެކަންކަން ކުރުމުގައި އެއްވެސް ފަރުވާކުޑަކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެހެން މީހުން އުސޫލުތަކާ ހިލާފުވުމުން އޭނާ އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ހެޝަން ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ކަމަށް ކޯޓުން މީގެ ކުރިން ނެރުނު އަމުރެއްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އޭނާ ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށްވެސް އައިއޯ ވަނީ ފާހަގަކޮށްފައެވެ. ފުލުހުން ވަނީ މި ހާދިސާގެ ރިޕޯޓާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައްވެސް ކޯޓަށް ހުށަހަޅާފައެވެ.

އަމީން މިއާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައެވެ. އަމީން މިއާ މަރުވީ ކުނި ޖަމާކޮށްފައިވާ ސައިޓެއްގައި އެކްސްކަވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެ ސަރަހައްދަށް އިތުރު ކުނިތަކެއް އެޅުމުގެ ތެރޭގައި އޭނާގެ ހަށިގަނޑު ކުނިތަކުގެ ދަށުވެގެންނެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، އެކްސްކަވޭޓަރު ދުއްވަން ހުރި މީހާ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު