މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން، އިންތިހާބުތައް އެއް ދުވަހަކާ ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ކޮންމެ މީހަކުވެސް ތިން ވޯޓު ކަރުދާހަކަށް ވޯޓުލާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެކްސްގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މާދަމާގެ ވޯޓުލުމުގައި ކޮންމެ ވޯޓުލާ މީހަކަށްވެސް ތިން ވޯޓު ކަރުދާސް ދޫކުރާނެއެވެ. އެއީ:

1:ލޯކަލް ކައުންސިލު އިންތިހާބުގެ ވޯޓު ކަރުދާސް

2:އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓު ކަރުދާސް

3:ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސް

އީސީން ބުނީ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ދޫކުރާއިރު، އެއިން ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެ ކަރުދާހަކަށް ހާއްސަކޮށްފައިވާ ވަކި ފޮއްޓަކަށް ކަމަށެވެ. އަދި އަމިއްލަައަށް ވޯޓުލާއިރު އެ މީހަކަށް ދޫކުރެވެނީ ރަނގަޅު ދާއިރާގެ ވޯޓު ކަރުދާސްކަމާއި، ވޯޓު ކަރުދާސް ލެވެނީ ރަނގަޅު ފޮއްޓަށްކަން ކަށަވަރު ކުރުމަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އޮޅުން ނާރާނޭހެން ވޯޓު ކަރުދާސްތައް ވަކިކުރާނެ ގޮތްތައްވެސް އީސީން ވަނީ އާންމުކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހުގެ ނުފުށުގައި ދާއިރާގެ ކޯޑާއި ނަން އޮންނާނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކަރުދާހުގެ ނުފުށުގައި ދާއިރާގެ ކޯޑާއި ނަމުގެ އިތުރުން "އަންހެނުންގެ ކޮމެޓީގެ އިންތިހާބު" ގެ ނަމުގައި ކުލަ ބޯޑަރެއް އޮންނާނެ ކަމަށާއި ހިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގެ ނުފުށުގައި އެކަން އަންގައިދޭ ބޯޑަރެއް އޮންނާނެ ކަމަށް އީސީން ބުނެއެވެ.

ވޯޓު ފޮށިތައް ވަކިކުރުމަށްޓަކައި ބޭނުންކޮށްފައިވާ ލޭބަލްތަކުގެ ކުލަތަކަކީ:

ކައުންސިލް އިންތިހާބުގެ ފޮށީގައި: ނޫ ކުލައިގެ ލޭބަލެއް

އަންހެނުންގެ ކޮމެޓީގެ އިންތިހާބުގެ ފޮށީގައި: ފެހި ކުލައިގެ ލޭބަލެއް

އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ފޮށީގައި: ހުދު ކުލައިގެ ލޭބަލެއް

މާދަމާގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުތަކާއި ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށްޓަކައި، މިރޭ 9:00 ގައި އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު