ބީއެމްއެލްގެ ސީއީއޯ، ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ، ފޮޓޯ: ބީއެމްއެލް
2024 ވަނަ އަހަރާ އަޅާބަލާއިރު، 2025 ވަނަ އަހަރު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރުގެ 50 އިންސައްތައާ ހަމައަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް ގާއިމުކުރި 90 އޭޓީއެމް އާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، 2024 ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް ބޭންކުން ޑޮލަރުގެ ސަޕޯޓް ދެމުން އައީ އެންމެ 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކަމަށެވެ. ނަމަވެސް 2025 ވަނަ އަހަރު މި އަދަދު 50 އިންސައްތައަށް އިތުރުކުރެވިގެން ދިއުމަކީ ވިޔަފާރިތަކަށް ލިބުނު ބޮޑު ލުޔެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު، ޓީޓީ ހެދުމަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރު ބޭންކުން ޑޮލަރު ދޫކޮށްފައިވާ ނިސްބަތަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ޖުމްލަ 175 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ވިއްކާފައިވާ ކަމަށެވެ. މީގެ ތެރެއިން 104 މިލިއަން ޑޮލަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ދޫކޮށްފައިވާ ފައިސާއެވެ. މީގެ އިތުރުން، އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޒަރީއާއިން 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޢުމްރާ ވެރިންނަށް 9 މިލިއަން ޑޮލަރު ވިއްކާފައިވޭ. އެހެންކަމުން 2025 ވަނަ އަހަރު ބީއެމްއެލް އިން ވިއްކި ޖުމްލަ ޑޮލަރުގެ އަދަދަކީ 672.5 މިލިއަން ޑޮލަރު. އެއީ ދުވާލަކަށް 1.84 މިލިއަން ޑޮލަރަށް ވުރެވެސް ބޮޑު އަދަދެއް،" ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށާއި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ރޭ އިފްތިތާހު ކުރެވުނު އޭޓީއެމްތަކާއި ބްރާންޗްތަކާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބީއެމްއެލް އިން ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު