ޕޮލިސް ސާޖަންޓް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ މަރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކ. ކާށިދޫގައި 2012 ޖުލައި 23 ވަނަ ދުވަހު ފުލުހުންގެ ޑިއުޓީއަށް ކޯޕްރަލް އާދަމް ހަލީމް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ސަމާހްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައެވެ. ނަމަވެސް 12 އަހަރު ފަހުން 2024 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.

މީގެކުރިން މި މައްސަލާގައި ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އޭނާގެ އިއުތިރާފަށް ބަލައިގެންނެވެ. ނަމަވެސް 12 ނޮވެމްބަރު 2012 ގައި އޭނާ ވަނީ އިޢުތިރާފުން ރުޖޫޢަވެފައެވެ. އެހެންކަމުން، ހައްދުގެ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އަދި މި މައްސަލައިގައި ހަމައެކަނި ސަމާޙުގެ އިއުތިރާފު ބަޔާނުގެ މައްޗަށް ތަހުގީގުންނާއި ޝަރީއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކީ ފަހުގެ މަރުހަލާ ތަކުގައި ސަމާހު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުން ކަމަށާއި، އަދި އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި ނެތުން ކަމަށް ސުޕްރީމް ކޯޓުން އޭރު ޙުކުމް ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލައި، ސަމާހުގެ މައްޗަށް އާދަމް ހަލީމް މަރާލި ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ އާދަމް ހަލީމްގެ ވާރިސުންގެ ބަސް ހޯދާފައެވެ. އާދަމް ހަލީމްގެ ހުރިހާ ވާރިސުންވެސް ޝަރީއަތުގައި އެދިފައިވަނީ ގިސާސް ހިފުމަށެވެ. އެހެންކަމުން، ވާރިސުންގެ ބަހަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން މިއަދު ވަނީ މުހައްމަދު ސަމާހު މަރަން ހުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު