ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
މިއަހަރާއި އަންނަ އަހަރުގެ ނިޔަލަށް، އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން މި ހުއްދަ ދީފައިވަނީ މިއަހަރާއި އަންނަ އަހަރަށް ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

މިގޮތުން ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޯދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނެއެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާއްސަ އެއްބަސްވުމެއްގެ ދަށުން، ދިވެހި ސަރުކާރުން ހުށަހެޅި މިންވަރަށް ބިނާކޮށް ދީފައިވާ ހުއްދައެކެވެ. ހައި ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މިއަހަރު ކަނޑައެޅިފައިވާ ކޯޓާގެ މިންވަރަކީ 1981 ވަނަ އަހަރު މި އިންތިޒާމު ހަމަޖެހުނު ފަހުން މިހާތަނަށް ރާއްޖެއަށް ދެވުނު އެންމެ މަތީ މިންވަރެވެ.

ޚާއްސަކޮށް، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ތަކެތި ކަމަށްވާ ހިލައާއި ހިލަވެލީގެ ކޯޓާ ވަނީ ވަރަށް ބޮޑަށް އިތުރުކޮށްދީފައެވެ. މީގެ އިތުރުން، މި އަހަރުގެ ހަނޑުލުގެ ކޯޓާ ވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު 77 އިންސައްތަ އިތުރުކޮށްދީފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި މި ތަކެތި އެކްސްޕޯޓް ކުރުމުގައި އިންޑިއާއިން އަޅާ އެއްވެސް ހުރަހެއް ނުވަތަ މަނާކުރުމެއް ނުހިނގާނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ. މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ތަރައްގީއަށް އެއްބާރުލުން ދިނުމަށް އިންޑިއާއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ހައި ކޮމިޝަނުގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު