މާލެއިން އުޅަނދު ޓޯ ކުރުމުގެ ތެރެއިން
މާލެއިން އުޅަނދު ޓޯ ކުރުމުގެ ތެރެއިން
04 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅައިފިއެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން މިއަދު ބުނީ، މިއީ އިންތިޚާބު އޮންނަ ދުވަހު މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކޮށް އާންމުންނަށް ވޯޓުލާ މަރުކަޒުތަކަށް ދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މި އެންގުމުގައިވާ ގޮތުން، 04 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް ބަރު އުޅަނދުތަކުގެ ތެރެއިން ވަކި ކެޓަގަރީތަކެއްގެ އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. އެގޮތުން ދުއްވުން މަނާކޮށްފައިވަނީ ސީ0، ސީ2، ޑީ، އީ އަދި ވީ ކެޓަގަރީގެ އެއްގަމު އުޅަނދުތަކެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ ކަނޑައެޅިފައިވާ ވަގުތުތަކުގައި މި ކެޓަގަރީތަކުގެ އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށެވެ. ނަމަވެސް، މި ނިންމުމުން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް އިސްތިސްނާވާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ހަރުކަށި ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.

އިންތިޚާބު އޮންނަ ދުވަހު ބަރު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅާފައިވާއިރު، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު