ޔުމްނާ މައުމޫން
ޔުމްނާ މައުމޫން
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު، ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ދެކޮޅު ހައްދަވައި، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔުމްނާ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި، މަޖިލީސް އިންތިހާބު ބާއްވަން އެންމެ އައުލާކަން ބޮޑީ ރިޔާސީ ދައުރުގެ މެދުތެރޭގައި ކަމަށެވެ. އެގޮތަށް ދައުރުގެ މެދުތެރެއިން އިންތިހާބު ބޭއްވުމުން، ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ނުވަތަ ނޫންތޯ ބަސްބުނުމުގެ ޑިމޮކްރެޓިކް ފުރުސަތެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.





މި ބަދަލު ގެނައުމުގެ ގޮތުން، ރައީސް މުއިއްޒުގެ އިސްނެންގެވުމަށް މަޖިލީހުން މިހާރު ވަނީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ފާސްކޮށްފައެވެ. މި އިސްލާހުގެ ދަށުން މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުވެ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.

މި ބަދަލު ތަސްދީގު ކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރުކާރުން ބުނަމުންދަނީ މިއީ އިންތިހާބުތަކުގެ ހަރަދު ކުޑަކުރުމަށް ގެންނަ ބަދަލެއް ކަމަށެވެ. ނަމަވެސް، ސިޔާސީ ގިނަ މަގާމުތަކެއް އުފައްދާފައިވާއިރު، އެ މަގާމުތައް މަދުކޮށްގެން މާ ބޮޑު މާލީ ލުޔެއް ހޯދޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ މި އުޒުރަށް ފާޑުކިޔަމުންނެވެ.

ޔުމްނާ މައުމޫންގެ އިތުރުން، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން، އިބްރާހިމް މުހައްމަދު ސޯލިހު އަދި މުހައްމަދު ނަޝީދު ވެސް ވަނީ މި ބަދަލާ ދެކޮޅު ހައްދަވާފައެވެ.

އަދި ގާނޫނީ ދާއިރާގެ އިސް ބޭފުޅުން ކަމަށްވާ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ހުސްނުއްސުއޫދު ފަދަ ބޭފުޅުން ވެސް ތައީދުކުރައްވަނީ އިންތިހާބުތައް ވަކިވަކިން ބޭއްވުމަށެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން ފަދަ އިތުރު ބަދަލުތަކެއް ގެންނަން ރައީސް މުއިއްޒު ގަސްދުކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކާ އެކު، މި މުޅި އިސްލާހަށް އާންމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު