އާއިލާއަށް ލޯބިކުރުމަކީ، އަމިއްލަ ނިންމުންތަކާއި އިހުސާސްތަކުގައި މަންމައަށް މުޅިން ބަރޯސާވުމެއް ނޫނެވެ.

ޒަމާނީ ލޯބީގެ ގުޅުންތަކުގައި "މަންމަގެ ދަރިއެއް" ނުވަތަ "މާމާސް ބޯއި" އަކީ ގިނަ ފަހަރަށް ގުޅުން ކުރިއަށް ގެންދަން އުނދަގޫވާ ފަދަ ސިފަތަކެއް ހުންނަ މީހަކަށް ކިޔައިއުޅޭ ނަމެކެވެ. މިއީ އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަމެއް ހެއްޔެވެ؟

މައިންބަފައިންނާ ގާތް ގުޅުމެއް ބޭއްވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނިއުޔޯކްގެ ތެރަޕިސްޓެއް ކަމަށްވާ ރޭޗަލް ސަސްމަން ބުނާ ގޮތުގައި، ގިނަ ފިރިހެނުން ކޮންމެ ދުވަހަކުވެސް އެމީހުންގެ މައިންބަފައިންނާ ވާހަކަދައްކާ ނުވަތަ މެސެޖު ކުރެއެވެ. އެއީ އެކަނި ނުރައްކަލުގެ ރަތް ސިގްނަލެއް ނޫނެވެ. ނަމަވެސް "މަންމަގެ ދަރިއެއް" ގެ ގޮތުގައި ބެލެވެނީ، ހަމައެކަނި މަންމައަށް ލޯބިކުރާ ދަރިއަކަށް ވުމުގެ ބަދަލުގައި، އޭނާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ތެރެއަށް މަންމަ ވަދެ، ދެމީހެއްގެ ދެމެދުގައި އޮންނަންޖެހޭ އަމިއްލަ ގުޅުން ތިންވަނަ މީހެއްގެ ނުފޫޒުގެ ދަށަށް ގޮސްފައިވާ މީހުންނަށެވެ.

ބައިވެރިޔާއަކީ އަމިއްލަ މިނިވަންކަމެއް ނެތް "މަންމަގެ ދަރިއެއް" ކަމަށް ބެލެވޭ 5 ނިޝާނެއް

1. ކޮންމެ ކަމެއްގައިވެސް އޭނާގެ މަންމައާ ތިބާ އަޅާކިޔުން:

ތިބާ ކައްކާ ކާއެއްޗެއްގެ ރަހަ މަންމަ ކައްކާ އެއްޗަކާ ތަފާތު ކަމަށް ބުނުން، ނުވަތަ ތިބާގެ ކެރިއަރާ މެދު ނިންމާ ނިންމުމެއްގައި އޭނާގެ މަންމަ "ރިސްކު ނަގަން ބޭނުންނުވާ" ކަމަށް ބުނެ ހަނދާންކޮށްދިނުމަކީ މީގެ ފެށުމެވެ. ފެންނަ ފެނުމަށް މިއީ އާދައިގެ ކަމެއްހެން ހީވި ނަމަވެސް، މިއިން ދޭހަކޮށްދެނީ އޭނާގެ ދިރިއުޅުމުގެ މައިގަނޑު މަރުކަޒަކީ މަންމަ ކަމާއި، ތިބާ އަބަދުވެސް ވަޒަންކުރެވެނީ މަންމަގެ މިންގަނޑުން ކަމެވެ.

2. އުނދަގޫ ވަގުތުތަކުގައި ތިބާގެ ބަދަލުގައި މަންމަގެ އެހީތެރިކަން ހޯދުން:

ވަޒީފާގެ މައްސަލައެއް ދިމާވިޔަސް ނުވަތަ ނަފްސާނީ ގޮތުން ދެރަވެފައި ހުރި ވަގުތެއްގައިވެސް، ބައިވެރިޔާއާ ހިއްސާކުރުމުގެ ބަދަލުގައި އޭނާ ސީދާ ދަނީ މަންމަގެ ގާތަށެވެ. އާއިލާއާ ވާހަކަދެއްކުމަކީ ރަނގަޅު ކަމެއް ނަމަވެސް، ލޯބީގެ ގުޅުމެއްގައި އެކަކު އަނެކަކަށް އިތުބާރުކޮށް، އެކަކު އަނެކަކަށް ބަރޯސާވާން ދަސްކުރުމަކީ ގުޅުން ބަދަހިވާ ކަމެކެވެ. އެހެން ނޫންނަމަ، ބައިވެރިޔާގެ ބަދަލުގައި މަންމަ އެ މަގާމު ފުރާ ނަމަ، ތިބާއަށް އިހުސާސް ކުރެވޭނީ ބާކީވެފައިވާ މީހެއްގެ ގޮތުގައެވެ.

3. ގުޅުމުގެ ހުރިހާ ސިއްރުތަކެއް މަންމައާ ހިއްސާކުރުން:

މައިންބަފައިންގެ ގާތުން ލަފާ ހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ދެމީހުންގެ ދެމެދުގައި ހިނގާ ކުދިކުދި ދެބަސްވުންތަކާއި، ފައިސާގެ މުއާމަލާތްތަކާއި، އަދި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައްވެސް މަންމައަށް ކިޔައިދޭ ނަމަ އެއީ ބޮޑު މައްސަލައެކެވެ. ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރު ދެމެހެއްޓޭނީ، އެ ދެމެދުގައި ހިނގާ ކަންކަން ސިއްރުގެ ގޮތުގައި ހިފެހެއްޓިގެންނެވެ.

4. މަންމަގެ ލަފައާ ނުލައި އާދައިގެ ނިންމުމެއްވެސް ނުނިންމޭނެ ކަމަށް ގަބޫލުކުރުން:

ރަނގަޅު އެޕާޓްމަންޓެއް ފެނުނަސް، މަންމަ ގަބޫލުނުވާ ނަމަ އެތަނެއް ކަމަކުނުދާނެއެވެ. ދަތުރެއް ދާއިރު ހޮޓަލާއި ފްލައިޓް ނިންމުމުގައިވެސް މަންމަގެ ޚިޔާލު ހޯދަންޖެހެއެވެ. މިއީ އަމިއްލަ ފައިމައްޗަށް ތެދުވެ ނިންމުންތައް ނިންމުމުގެ މިނިވަންކަން ނެތްކަމުގެ ނިޝާނެކެވެ. ސިއްހީ ގުޅުމެއްގައި ދެމީހުން އެކުގައި ނިންމުންތައް ނިންމަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

5. މަންމައާ ދެކޮޅަށް އެއްޗެއް ބުނަން ނުކެރުން:

މަންމަ އަންނައިރު ކުރިން އަންގާލުމަށް ބުނުން ފަދަ އާދައިގެ ކަމެއްގައިވެސް، އޭނާ މަންމަގެ ދިފާއުގައި ތިބާއާ ދެކޮޅަށް ތެދުވާ ނަމަ އެއީ މައްސަލައެކެވެ. މަންމަ ކުރާ ކަމެއް ގޯސްވި ނަމަވެސް، އެކަން ގަބޫލުނުކޮށް ތިބާއަކީ މަންމަ ދެކެ ރުޅިއަންނަ މީހެއްގެ ގޮތުގައި ސިފަކުރުމަކީ އޭނާގެ މިނިވަންކަމެއް ނެތްކަމުގެ ހެއްކެކެވެ.

މިފަދަ ހާލަތްތަކުގައި "އަހަރެން ނޫނީ މަންމަ" އިޚްތިޔާރު ކުރުމަށް މަޖުބޫރު ކުރުމަކީ މާހިރުން ލަފާދޭ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، ކަންކަން ހިނގާ ގޮތުން ތިބާއަށް ކުރެވޭ އިހުސާސްތައް މަޑުމައިތިރިކަމާއެކު ބައިވެރިޔާއަށް ކިޔައިދޭށެވެ. އަމިއްލަ ދިރިއުޅުމުގެ މިނިވަންކަމާއި، ދެމީހުންގެ ގުޅުމުގެ ތެރެއަށް މަންމަ މާބޮޑަށް ވަނުމުން ދިމާވާ ދަތިތައް ބުނެދީ، "ބައުންޑަރީސް" ނުވަތަ އިންތަކެއް ކަނޑައަޅަން މަސައްކަތް ކުރާށެވެ. މިއީ މަންމަދެކެ ރުޅިއައުމެއް ނޫނެވެ. މިއީ ދެމީހުންގެ ގުޅުން ވަރުގަދަކޮށް، އަމިއްލަ ދިރިއުޅުމެއް ބިނާކުރުމަށް ކުރަންޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު