އަލީ އާރިފް
އަލީ އާރިފް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެބޭންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަލީ އާރިފް، ޕީއެންސީގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ސިޔާސީ މައިދާނުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މަޖިލިސް މެންބަރުން ކެމްޕެއިނާ ގުޅޭގޮތުން ކުރެއްވި ޝަކުވާތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ރައީސް މުއިއްޒު އެއްވެސް ރަށަކަށް ކެމްޕެއިނަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި، ރާއްޖޭގެ ކޮންމެ އާއިލާއަކުން މަދުވެގެން އެކަކަށް މިހާރު ވަޒީފާ ދީފައިވާތީ އެއީ "ޔަގީން ވޯޓު" ކަމަށެވެ.

އަލީ އާރިފްގެ ނަޒަރުގައި މިހާރު ކަންބޮޑުވާންޖެހޭ ދާއިރާތަކަކީ ހަމައެކަނި އައްޑޫ އާއި ތިނަދޫއެވެ. މިއީ ރައީސް މުއިއްޒުގެ ސީދާ ވިސްނުންފުޅުކަން ހާމަވަނީ، ދާދި ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވެސް ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނެތްކަމަށް ރައީސް ވިދާޅުވެފައިވާތީއެވެ.

މީގެ އިތުރުން، މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އަލީ އާރިފް ވަނީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ ގުޅޭގޮތުން ވެސް ޚިޔާލުފާޅުކުރައްވާފައެވެ. އެގޮތުން، ބޭރުން ކާތަކެތި ގެނެސްގެން ކެއުން ހުއްޓާލައި، ގޭގައި އަމިއްލައަށް ގަރުދިޔަ އާއި ބަތް ކައްކައިގެން ކައިގެން، "އާދައިގެ ދިރިއުޅުމަކަށް" ތިރިވެލުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މި ވާހަކަތަކަކީ އިގްތިސާދީ ދަތިކަމުގެ ތެރޭގައި ރައްޔިތުން ތިބި ވަގުތެއްގައި ދެއްކެވި ވާހަކަތަކެއް ކަމުން، ގިނަ ބައެއްގެ ނުރުހުން މިކަމަށް އޭރު ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު