މަރަދޫ ސީއްހީ މަރުކަޒަށް ހަވާލު ކުރި އެމްބިއުލާންސް: ފޮޓޯ އެމްޕީއެލް
މަރަދޫ ސީއްހީ މަރުކަޒަށް ހަވާލު ކުރި އެމްބިއުލާންސް: ފޮޓޯ އެމްޕީއެލް
އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކުއްލި ނޫން ހާލަތްތަކުގައި ވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ހޯދޭނެ އައު އުޞޫލަކަށް އަމަލުކުރަން ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މި ބަދަލަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއެކު ފަންނީ އަދި މާލީ ދިރާސާތަކެއް ކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މި އައު އުޞޫލުގެ ދަށުން، އެނދުމަތިކުރެވިފައިވާ ފަރާތްތަކާއި، ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކާއި، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އައުޓްޕޭޝަންޓް ޚިދުމަތް ހޯދުމަށް އެމްބިއުލާންސް ބޭނުންކުރެވޭނެއެވެ.

މީގެއިތުރުން، މައްޔިތުން އުފުލުމަށާއި، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަލިމީހުން ބަދަލުކުރުމާއި، އިވެކުއޭޝަން ހާލަތްތަކުގައި ޖެޓީ ނުވަތަ އެއަރޕޯޓަށް ބަލިމީހުން ގެންދިއުމަށް ވެސް މި ޚިދުމަތް ލިބިގެންދާނެއެވެ.

މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ފާތުވި ވެގެންދިޔަ ފެބްރުއަރީމަހާއި މި މާރޗު މަހުގެ ތެރޭގައި ގިނަ ރަށްތަކަކަށް އެމްބިއުލާންސް ފޮނުވާފައިވާއިރު، ބޮޑެތި އާބާދީތަކަށް އަމާޒުކޮށްގެން ގެންނަ ޕެރަމެޑިކް އެމްބިއުލާންސްތައް ވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސްގެ ޚިދުމަތް އެއްވެސް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު