އައްޑޫ ސިޓީއަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަކީ އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަޙްމަދު ޞާލިޙް ޢަލިދީދީ ނިޔާވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑޫ އަތޮޅުގެ އަތޮޅުވެރިކަން ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް، ވަކިން ޚާއްޞަކޮށް އައްޑޫގެ ތަރައްޤީއަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ރައީސް ވަނީ ވަޒަންކުރައްވާފައެވެ.

މި ހިތާމަވެރި ވަގުތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އަލްމަރްޙޫމް އަޙްމަދު ޞޯލިޙުގެ އާއިލާއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ.

"އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި! އާމީން،" ރައީސް ވިދާޅުވިއެވެ.

އަޙްމަދު ޞާލިޙް ޢަލިދީދީއަކީ އައްޑޫ އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، އެ އަތޮޅުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދައުލަތުގެ ސަމާލުކަމަށް ގެނައުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު