ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުން ތާއީދުކޮށްފިނަމަ، ފަހުން ނަގާ ރާޅު މާބޮޑުވާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ރޭ ވިދާޅުވެއްޖެއެވެެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިފަދަ ރެފަރެންޑަމްއެއް ނެގުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ(ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްދުވަހެއް ބޭއްވުން) ރައްޔިތުންގެ މެދުގައި އެއްވެސް ކަންބޮޑުވުމެއް އޮތް ކަމެއް ނޫން ކަމަށާއި، ކުއްލިއަކަށް "އޯވާނައިޓަކުން" ގާނޫނު އަސާސީއަށް ބަދަލު ގެނެސް ސަރުކާރުން މިކުރަން އުޅޭ ކަންތައްތަކާ މެދު ރައްޔިތުން ޝައްކުގެ ނަޒަރުން ބަލަންޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.

"މުޅި ޕްރޮސެސް އެ ހިންގި ގޮތަކީ ރައްޔިތުން ބަލައިގަންނަ ގޮތަކަށް ނޫން، ގާނޫނު އަސާސީ ތަސައްވަރު ކުރާ ގޮތަކަށްވެސް ނޫން،" އިންތި ވިދާޅުވިއެވެ.

މީގެއިތުރުން އިންތި ވިދާޅުވިގޮތުގައި މި އިންތިޚާބުގައި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނިމިއްޖެނަމަ، މިއަށްވުރެ މާ ވަރުގަދަ "ރާޅުތަކެއް" ކުރިއަށް އޮތް ތަނުގައި ނަގާނެއެވެ. އަދި މިފަދަ ކަންކަން ފުލުފުލުން ކުރަން ސަރުކާރަށް ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފުރުސަތު ދީފިކަމަށް ވަނީނަމަ، މި އިންތިޚާބަށް ގޮސް ސަރުކާރަށް މި އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް ވަނީނަމަ މާނައަކީ ދެން އަދި މިއަށްވުރެ ވަރުގަދަ ރާޅެއް އޮތީ ނަގާފަ. ފުލުފުލުން މިޒާތުގެ ކަންތައްތައް ކުރަން ފަށާނެ،" އިންތި ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ވަރުގަދަ މެސެޖެއް ދޭންޖެހޭ ކަމަށާއި، މިފަދަ ކަންކަމަށް މަގުފަހިވާ "ޕްރެސިޑެންޓް" ގާއިމްކުރުމުގެ ފުރުސަތު ސަރުކާރަށް ނުދިނުމަށްޓަކައި ހުރިހާ ރައްޔިތުން ނުކުމެ މި ވޯޓުގައި "ނޫނެކޭ" ބުނަން ޖެހޭ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ހާމަކުރަމުންދާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ މި ނިންމުމުގެ ފަހަތުގައި ނޭދެވޭ ސިޔާސީ މަގްސަދުތަކެއް އޮވެދާނެ ކަމަށް ބުނެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު