އެލްޖީއޭ
އެލްޖީއޭ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އެ ތަންތަނުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީސްތައް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ އާ ކައުންސިލްތައް ހުވާކުރާ ހިސާބުން އަތޮޅު ކައުންސިލް އިދާރާތައް އުވިގެން ދިޔަ ނަމަވެސް، އެލްޖީއޭގެ އޮފީސްތައް މެދުވެރިކޮށް މިހާރުވެސް އަތޮޅު ކައުންސިލްތަކުން އާންމުންނަށް ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށެވެ. އެގޮތުން އައިޑީކާޑު ހެދުން ފަދަ މުހިންމު ޚިދުމަތްތައް ބަރާބަރަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލްތަކުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާނެ ކަމަށާއި، އެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް އެތަންތަނުގައި ގާއިމުކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ވަސީލަތްތަކާއި މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީވެސް އަތޮޅަށް ނިސްބަތްވާ ގޮތަށް، އެލްޖީއޭގެ އިދާރީ ބަޔަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ބަދަލާ އެކީގަ މިހާރު މާލޭގަ މިހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ވެސް އެލްޖީއޭގެ ފަރާތުން އަތޮޅަށް ނިސްބަތްވާގޮތަށް ހަދާ އޮފީހުގެ އިދާރީ ބަޔަށް އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާނަން. އެހެންވީމަ އަތޮޅަށް އެއްވެސް އުނިކަމެއް ނާންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ގެނެވޭ މި ބަދަލާއެކު، ބްލޮކް ގްރާންޓުގެ ގޮތުގައި އިތުރުވާ ފައިސާ ސަރުކާރުން ނިންމާފައިވަނީ ރަށު ކައުންސިލްތަކަށާއި، ޚާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ކުރިއެރުން ލިބޭނެ ގޮތަކަށް ބެހުމަށެވެ. މީގެ ސަބަބުން ކައުންސިލްތަކަށް މާލީ ގޮތުން އިތުރު ފައިދާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ކައުންސިލްތަކުގެ ރައީސުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ އަތޮޅުތައް ހިންގުމުގެ ނިޒާމު ވިއްސަކަށް އަހަރު ފަހަތަށް ސޮއްސާލުން ކަމަށާއި، މީގެ ސަބަބުން ރައްޔިތުން ރަށުގައި "ބަންދުވާނެ" ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު