ގަލޮޅު ދަނޑު އެޅުމަށް އަލުން އެކުލަވާލި ކުރެހުން
ގަލޮޅު ދަނޑު އެޅުމަށް އަލުން އެކުލަވާލި ކުރެހުން
ހުޅުމާލޭ ފޭސް އެކެއްގައި އަޅަން ނިންމާފައިވާ އާ ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތް ލޯނެއް ނަގައިގެން ކުރުމަކީ ދައުލަތަށް މާލީ ގޮތުން ބޮޑު ބުރައަކަށް ވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ގަލޮޅު ދަނޑުގެ މަރާމާތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގަލޮޅު ދަނޑަކީ ދިވެހިންގެ ގިނަ ކާމިޔާބީތަކާއި ޖަޒުބާތުތަކާ ގުޅިފައިވާ ތާރީޚީ ބިނާއަކަށް ވާތީ، އެތަން އެ ގޮތުގައި ބާއްވަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

ނަމަވެސް، ޒަމާނީ ފެންވަރުގެ ނޭޝަނަލް ސްޓޭޑިއަމެއް ހެދުމަށް އެންމެ އެކަށީގެންވާ ތަނަކީ ހުޅުމާލޭ ފޭސް އެކެއްގައި މިހާރު ކަނޑައަޅާފައިވާ ބިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެން ބޭނުންވަނީ ގްރާންޓެއް (ހިލޭ އެހީ) ހޯދަން. ސަބަބަކީ ފުޓްބޯޅަ ސްޓޭޑިއަމެއް ބިނާކުރުމަކީ ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާ ކަމެއް. ލޯނެއް ނަގައިގެން އެކަން ކުރަންވެއްޖިއްޔާ އެއީ ވަރަށް ބޮޑު ބާޑަންއަކަށް (ބުރައަކަށް) ވާނެ." މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

މި މަޝްރޫޢަށް ފައިސާ ހޯދުމަށްޓަކައި މިހާރު ޗައިނާ އާއި ސައުދީ އަރަބިއްޔާއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި އަމާޒަކީ މި އަހަރުގެ ތެރޭގައި ސާވޭތަކާއި ލިޔެކިޔުންތައް ނިންމައި، އަންނަ އަހަރު އަމަލީ މަސައްކަތް ފެށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގަލޮޅު ސްޓޭޑިއަމްގެ ވީރާނާވެފައިވާ ބައިތައް ތަޅާލުމަށް ވެމްކޯއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރީ ސަރުކާރުން އިންޑިއާގެ ލޯނު އެހީގައި ގަލޮޅު ދަނޑު ތަރައްޤީކުރަން ނިންމި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް އަމަލީ ސިފައެއްގައި ކުރިއަކަށް ނުދެއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވަނީ މާލެ ސަރަހައްދުގައި ތިން ސްޕޯޓްސް ކޮމްޕްލެކްސެއް އެޅުމަށް ނިންމާފައިވާކަންވެސް އިއުލާނު ކުރައްވާފައެވެ. އެއީ ވިލިމާލެ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ގާއިމުކުރާ 12،000 މީހުންގެ ޖާގައިގެ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްތަކެކެވެ. މީގެ ތެރެއިން ފޭސް ދޭއްގެ ބިން މިހާރު ހަމަޖެހިފައިވާއިރު، އަނެއް ދެ ތަނުގެ ބިމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީ އާއި ސިޓީ ކައުންސިލާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު