ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައީސް ޑރ. މުހައްމަދު މުއިއްޒު-
މުޖްތަމަޢުގައި އެހީތެރިކަމާއި އަޅައިލުމަށް ބޭނުންވެފައިވާ ކޮންމެ އަޚަކާއި އުޚްތަކަށް އެމީހުންގެ މުހުތާދުތައް ފުއްދައި ދިނުމަކީ މުސްލިމަކަށް ވީތީ ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ މުހުތާދުތަކުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަކީ ދޫކުރެވޭނެ ދެމިހުންނަނިވި އެންމެ ބޮޑު އެއް ޞަދަޤާތް ކަމަށެވެ.

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ފެންނަންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުން، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް، އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަމުގައި އޮތް ބޮޑު ދަރުމައާއި އަޖުރު ދީނުގައި ބަޔާންވެގެންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ޝިޢާރުން ލިބިދޭ އެންމެ މުހިންމު މެސެޖަކީ އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ، އެކަހެރިވިޔަ ނުދިނުން ކަމަށެވެ.

"މި ސަރުކާރުން އިސްނަގައިގެން މިދިޔަ މަސްތަކުގެ ތެރޭގައި މިއަމާޒަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި. އަދި ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެ،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު