ހުޅުދުއްފާރު
ހުޅުދުއްފާރު
މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިހްތިސާސްގެ ތެރޭގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން ރަސްމީކޮށް އިއުލާނު ކުރަށްވައިފިއެވެ. މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނަވާފައިވާ ވައުދުފުޅާ އެއްގޮތަށް، ރަށްރަށުގެ ކައުންސިލްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މި ބަދަލު ގެންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި 9/2024 ނަންބަރު ގަރާރުންނެވެ. މި ގަރާރާއެކު، ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.

ގާއުނޑޫދޫއަކީ މީގެކުރިންވެސް ހުޅުދުއްފާރުގެ އިހްތިސާސްގައި ހިމެނުނު ރަށެކެވެ. އެގޮތުން 2020 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އެ ރަށް އޮތީ ހުޅުދުއްފާރުގެ ދަށުގައެވެ. ނަމަވެސް، 25 އޮގަސްޓް 2021 ގައި ނެރުއްވި ގަރާރަކުން، ސިނާއީ ބޭނުމަކަށްޓަކައި އެ ރަށް ވަނީ ހުޅުދުއްފާރުގެ އިހްތިސާސްއިން އުނިކޮށްފައެވެ. އޭގެ ފަހުން އެ ރަށް ބޭނުންކުރަމުން އައީ މިނިސްޓްރީ އޮފް އެގްރިކަލްޗާގެ ބެލުމުގެ ދަށުން ސިނާއީ މަސައްކަތްތަކަށެވެ.

ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމަކީ، ރަށްރަށުގެ އިހްތިސާސްގެ ތެރޭގައި ކައިރީގައި ހުރި ފަޅު ރަށްތައް ހިމަނައި، ކައުންސިލްތަކަށް އަމިއްލަ އާމްދަނީ ހޯދުމުގެ މަގު ތަނަވަސް ކޮށްދިނުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ގާއުނޑޫދޫ އަލުން ހުޅުދުއްފާރުގެ ދަށަށް ބަދަލުކުރުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު