ކޮންމެ ސަރުކާރެއް ވެރިކަމުގެ ބާރުވެރިކަން ހޯދަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ގިނަގުނަ ވަޢުދުތަކެއް ވަމުންނެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު، އެންމެ ބޮޑަށް ފެއިލްވެފައިވާ އެއް މިނިސްޓްރީއަކީ ޓްރާންސްޕޯޓް މިނިސްޓްރީއެވެ. މިއަދު ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމާ މެދު އޮތް މާޔޫސްކަމުގެ ވާހަކަ ދައްކާ ދައްކާ ބާވެއްޖެއެވެ. އެ މާޔޫސްކަން މިހާރު ވަނީ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައެވެ. ތެދުވެރިކަމާއެކު ބުނާނަމަ، ޓްރާންސްޕޯޓް މިނިސްޓަރަށް އޭނާގެ ޒިންމާ އަދާނުކުރެވޭނަމަ، މިއަދު ފެންނަ މަންޒަރުތަކަށް ބަލައި މަޤާމުން އިސްތިއުފާ ދޭންޖެހެއެވެ.

މާލެ ސަރަހައްދުގެ ޓެކްސީ ނިޒާމު ހަރުދަނާކޮށް، އިލެކްޓްރިކް ޓެކްސީތައް ތައާރަފުކޮށް، ދަތުރުފަތުރު ފަސޭހަކޮށްދޭނެ ކަމުގެ ވައުދުތައް އަޅުގަނޑުމެން އަޑުއަހާތާ މަސްތަކެއް ފާއިތުވެއްޖެއެވެ. ނަމަވެސް، މި ވައުދުތައް އޮތީ ހަމައެކަނި ކަރުދާހުގައެވެ. މި ހާލަތު ފެނުމުން ހަނދާނަށް އަންނަނީ ހިންދީ ފިލްމު "ދާމިނީ" ގައި ސަނީ ޑިއޯލް ބުނެފައިވާ މަޝްހޫރު ޑައިލޮގް "ތާރީޚް ޕެ ތާރީޚް" އެވެ. ދިވެހި ބަހުން ނަމަ "ތާރީޚަކަށް ފަހު ތާރީޚެއް" ދެމުން ގޮސް ރައްޔިތުން މިތިބީ ވަރުބަލިވެފައެވެ.

މައްސަލައިގެ ބޮޑުކަން ބަލަން ދުރަށް ދާކަށް ނުޖެހެއެވެ. މި ކުޑަކުޑަ މާލޭގައި ފަސް ހަ ޓެކްސީ އެޕްލިކޭޝަނަކަށް ހުއްދަ ދީފައިވާއިރު، އޭގެން ކުރާ ފައިދާއެއް ނެތެވެ. ގިނަ ޓެކްސީތަކުން ބޭނުންވަނީ ހަމައެކަނި މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކެވެ. އެއާޕޯޓް ކިއުގައި އޮންނަ ޓެކްސީއެއްގެ ޑްރައިވަރ ގާތުގައި މާލެއަށް ނުވަތަ ހުޅުލެއަށް ދާން އަހާލުމުން ލިބޭ ޖަވާބަކީ "ސޮރީ، މިދަނީ ހުޅުމާލެއަށް، އެހެންވެ ދަމުން އެކޮޅަށް ދަތުރެއް ނަގައިގެން ދާން މިއުޅެނީ" މިއެވެ. ރައްޔިތުންނަށް ބޭނުންވާ ވަގުތު މި ނިޒާމު މަސައްކަތެއް ނުކުރެއެވެ. މިކަންކަން މިހާ ބޮޑަށް ގޯސްވެގެންދާއިރު، މި ދާއިރާގެ ބެލެނިވެރިޔާ ޓްރާންސްޕޯޓް މިނިސްޓަރާއި މިނިސްޓްރީ އޮތީ ހަނު ހިމޭނުންނެވެ. މީގެ މާނައަކީ އެ ބޭފުޅުން މިކަމުގައި ފެއިލްވެއްޖެ ކަމެވެ.

ދަތުރުފަތުރަކީ މިއަދު ފެނާއި ބޭސްފަރުވާ ފަދަ ޒަރޫރީ ބޭނުމެކެވެ. ރޭ އަޅުގަނޑުވެސް ވަނީ މިފަދަ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައެވެ. ހޮސްޕިޓަލަށް ހިނގާފައި ނުދެވޭ ވަރުގެ ދެ ބަލިމީހުން ގޮވައިގެން ޓެކްސީއެއް ހޯދުމަށް ގަޑިއެއް ހާއިރު ހޭދަވިއެވެ. ހުރިހާ އެޕްތަކެއް ބަލައި، ސެންޓަރުތަކަށް ގުޅައި، މަގުމަތީގައި އަތް ހިއްލައިގެން ހުރެ ޓެކްސީއެއް ނުލިބުނެއެވެ. އެންމެ ފަހުން މަގުމަތިން އަތުވި ޓެކްސީ ޑްރައިވަރެއް ކައިރީގައި 40 ރުފިޔާ ދޭންވެސް ތައްޔާރަށް ހުރި ކަމަށް ބުނީމެވެ. ނަމަވެސް އެހީތެރިކަމެއް ނުލިބުނެވެ. މިއީ އެންމެ ބޭނުންޖެހޭ ވަގުތު ނިޒާމު އޮތް ހާލަތެވެ. މިއީ އެއްފަހަރު ދިމާވި ކަމެއް ނޫނެވެ. މިއީ ކޮންމެ ދުވަހެއްގެ ހާލަތެވެ.

މި ހުރިހާ ދަތިތަކެއްގެ ތެރެއިން މިހާރު އިވެނީ ތެލުގެ އަގު ބޮޑުވެގެން ދަތުރުތަކުގެ އަގު ބޮޑުކުރަން އުޅޭ އަޑެވެ. ތެލުގެ އަގު ބޮޑުވުމުން ޑްރައިވަރުންނަށް އޭގެ އަސަރު ކުރާ ފަދައިން، އާންމު ރައްޔިތުންގެ ޖީބަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ރަށްރަށުގައި ޕެޓްރޯލް ލީޓަރެއް 30 ރުފިޔާއަށް ވިއްކާ ކަމުގެ ޚަބަރުތައް އިވެމުންދާއިރު، ދިރިއުޅުމުގެ ޚަރަދުތައް މިވަނީ އަތްނުފޯރާ ފަށުގައެވެ. ރައްޔިތުންނަށް މިއަދު އޮތީ ހަމައެކަނި "ހުވަފެނީ" ދަތުރުފަތުރުގެ ނިޒާމެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ސާފު ނާކާމިޔާބީއެވެ. މިއީ ހަމައެކަނި ޓެކްސީގެ މައްސަލައެއް ނޫނެވެ. މިއީ ރައްޔިތުންގެ އިތުބާރު ގެއްލި، މުޅި ނިޒާމު ބޮއްސުންލާފައިވާ ކަމުގެ ހެއްކެކެވެ. "ކޮބާތޯ ރައީސް މުއިއްޒު؟ ކޮބާތޯ މިނިސްޓަރު؟" އިތުރަށް އިންތިޒާރު ކުރާކަށް ރައްޔިތުންނަކަށް ކެތެއް ނުކުރެވޭނެއެވެ. މިއީ މި އިޝޫ އަލުން "ޓްރެކަށް" އަޅުވަންވީ ވަގުތެވެ. ވައުދުތައް ނުފުއްދޭނަމަ، ޖަވާބުދާރީވާން ޖެހޭނެއެވެ. އެހެން ނޫންނަމަ، މަގާމުން ދުރަށް ޖެހިވަޑައިގަތުމަކީ އެންމެ ރީތި ގޮތެވެ.



ކިޔުންތެރިންގެ ހިޔާލު