އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދު ގެނައި ބަދަލާއެކު، ޕެޓްރޯލް ލިޓަރަކުން 10.70 ރުފިޔާ ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ސިޔާސީ ބޭފުޅުން ފާޅުކުރަށްވަން ފައްޓަވައިފިއެވެ.

މިކަމާ ގުޅިގެން ކުރީގެ މެންބަރު އިލްހާމް އަޙްމަދު މިއަދު މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ތެލުގެ އަގަށް އައި މި ބޮޑު ބަދަލާއެކު ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި ތެލުގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އިލްހާމް ތުހުމަތު ކުރަަށްވާފައިވަނީ މި ހާލަތު މެދުވެރިވަނީ ސަރުކާރުގެ އަމަލުތައް ހުރިގޮތުން ކަމަށެވެ.

ހަމައެއާއެކު އިލްހާމް ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ މީހުން ވައްދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މި ބަދަލާއެކު އާންމު ދަތުރުފަތުރާއި ތަކެތީގެ އަގަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭއިރު، އިގްތިސާދީ މާހިރުންވެސް ދަނީ މި ދަނޑިވަޅުގައި ޚަރަދުތައް ކުޑަކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ނަމަވެސް، ސަރުކާރުގެ ކުންފުނިތަކަށް މީހުން އިތުރުކުރުމާއި އިސްރާފު ބޮޑުވުމަކީ ތެލުގެ އަގު އުފުލުމުގެ އިތުރުން ރާއްޖޭގެ މުޅި އިގްތިސާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި އިލްހާމް ވަނީ ސިފަކުރަށްވާފައެވެ.

އިލްހާމް މިހެން ވިދާޅުވެފައިވާއިރު އެފްއެސްއެމްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވާފައިވާ އީމެއިލެއް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވަނީ ހާމަކުރަށްވާފައެވެ. އެ އީމެއިލްގައި ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ބޮޑުކޮށްފައިވާކަން އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު