ކަނޑުގެ އުޅަނދުފަހަރު ބަނުމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައުމަށް އިންޑިއާއިން ބޮޑު ފިޔަވަޅެއް އަޅައިފިއެވެ. އެގޮތުން ދުނިޔޭގެ ފުރަތަމަ އޮޓޮނޮމިކް މެރިޓައިމް ޝިޕްބިލްޑިން އެންޑް ސިސްޓަމްސް ސެންޓަރު އިންޑިއާގައި ގާއިމްކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. މި މަޝްރޫއަކީ މުމްބާއީގައި ހުންނަ ޑިފެންސް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ސާގަރ ޑިފެންސް އިންޖިނިއަރިން އިން ތަރައްގީ ކުރަމުން އަންނަ، މެރިޓައިމް ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ތާރީޚީ ފެސިލިޓީގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު ބޭއްވީ ޖުވާލަދީން ފިޝިން ހާބަރުގައެވެ. މި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ޑިފެންސް އިންޑަސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއިރު، ބިންގާ އަޅުއްވައިދެއްވީ އެ ސްޓޭޓްގެ މިނިސްޓަރު އޮފް އައިޓީ އެންޑް އެޑިއުކޭޝަން ނާރާ ލޮކޭޝްއެވެ.

އޮޓޮނޮމިކް ޝިޕްޔާޑެއްގައި ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އޮޓޮމެޓިކް ސިސްޓަމްތައް ބޭނުންކޮށްގެން ބޯޓު ބަނުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް، މާ ސީދާކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެއެވެ. ބެންގަލް ފަޅުތެރޭގައި މި މަރުކަޒު ގާއިމްކުރުމުން، އިންޑިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ކަނޑުގެ ބޮޑެތި މަގުތަކުން ސީދާ އެ ސަރަހައްދަށް ވަދެވޭނެ މަގު ފަހިވެގެންދާނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ވަނީ ވޯޓާފްރަންޓާއި ހާބަރު ސަރަހައްދުތައް ހިމެނޭ ގޮތަށް 29.58 އޭކަރުގެ ބޮޑު ބިމެއް ދޫކޮށްފައެވެ. މި ކެމްޕަހަކީ ފުރިހަމަ ވަސީލަތްތަކުން މުއްސަނދި ތަނެކެވެ. އޭގެ ތެރޭގައި އޮޓޮނޮމިކް ޝިޕްބިލްޑިން ފެސިލިޓީތަކާއި، ޓެސްޓިން އިންފްރާސްޓްރަކްޗާ، އާރްއެންޑްޑީ (ރިސާޗް އެންޑް ޑިވެލޮޕްމަންޓް) ސެންޓަރެއްގެ އިތުރުން ޝިޕް މެއިންޓެނަންސް އެންޑް ރިޕެއާ ފެސިލިޓީ (އެމްއާރުއޯ) އާއި ހާއްސަ ތަމްރީނުތައްދޭ ހަބެއް ހިމެނެއެވެ.

ސާގަރ ޑިފެންސް އިންޖިނިއަރިންގެ ޑިރެކްޓަރު އޮފް އާރްއެންޑްޑީ ސައުރަބް ޕާޓިލް ވިދާޅުވީ، މި ސެންޓަރުގެ މައިގަނޑު އެއް މަގްސަދަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ޒަމާނީ އުޅަނދުތައް ތަރައްގީކުރުން ކަމަށެވެ. އެގޮތުން މެރިޓައިމް ސަވައިލެންސް، ކޯސްޓަލް ސެކިއުރިޓީ، ލޮޖިސްޓިކްސް ސަޕޯޓް އަދި ތިމާވެށި މޮނިޓަރު ކުރުމަށް ބޭނުންކުރާ "އަންމެނެޑް ސަރފޭސް ވެސެލްސް" (ޔޫއެސްވީ) ތަރައްގީ ކުރާނެއެވެ. މީގެ އިތުރުން ކަނޑުއަޑީގެ ރިކޮނައިސަންސް އާއި މެޕިން އަދި ސައިންޓިފިކް ރިސާޗްތަކަށް ބޭނުންކުރާ "އޮޓޮނޮމިކް އަންޑަވޯޓާ ވެހިކަލްސް" (އޭޔޫވީ) އުފެއްދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

ޓެކްނޮލޮޖީގެ ގޮތުން މި ފެސިލިޓީގައި "ޑިޖިޓަލް ޓްވިން" ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ވީ.އޯ. ޗިދަމްބަރަނާރު ބަނދަރުގައި، އިންޖިނިއަރުންނަށް އުޅަނދުފަހަރު ހަގީގީ ދަތުރުތަކަށް ނެރުމުގެ ކުރިން ޑިޖިޓަލްކޮށް ޓެސްޓްކޮށް، އޭގެ ފެންވަރު ބަލައި ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މަޝްރޫއަކީ ހަމައެކަނި ޓެކްނޮލޮޖީގެ ކުރިއެރުމެއް ނޫނެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 300 އެއްހާ ސީދާ ވަޒީފާ އުފެދި، ނުސީދާ ގޮތެއްގައި އިތުރު އެތައް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މިއީ އޮޓޮނޮމިކް މެރިޓައިމް ސިސްޓަމްތަކާއި ބޯޓު ބަނުމުގެ ދާއިރާގައި އިންޑިއާގެ ގާބިލްކަން ދުނިޔޭގެ ފެންވަރުގައި ސާބިތުކޮށްދޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު