އަވަށްޓެރި ޤައުމުތަކުގެ އެއާޕޯޓްތަކާ އަޅާބަލާއިރު ރާއްޖޭގައި ބޯޓުފަހަރަށް އަޅާ ތެޔޮ ނުވަތަ ޖެޓްފިއުލްގެ އަގު ބޮޑުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ގޮންޖެހުމެއްކަމަށް ފާހަގަކުރައްވައި، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަމްރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ ޖެޓްފިއުލް ވިއްކައިގެން ކަމަށްވީ ނަމަވެސް، ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދެއްގައި އެއާޕޯޓްތައް ބަލަންޖެހޭނީ އިންފްރާސްޓްރަކްޗާ ނުވަތަ ވަސީލަތްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ ހަމައެކަނި ފައިދާ ހޯދާ މަރުކަޒުތަކެއްގެ ގޮތުގައި ބެލުމަކީ ރަނގަޅު ސިޔާސަތެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އަމްރު ވިދާޅުވީ، ރާއްޖޭގައި ލިޓަރަކަށް 1.69 އެމެރިކާ ޑޮލަރު ޖެޓްފިއުލްއަށް ނަގާއިރު، މިއީ އަވަށްޓެރި ޤައުމުތަކުގެ އެއާޕޯޓްތަކާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ އެއާލައިންތަކުގެ އޮޕަރޭޝަނަލް ޚަރަދު ބޮޑުވެގެންދާނެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންނަމަ، ރާއްޖެއާ ހަމައަށް ދަތުރުކުރުމަށް ހިނގާ ޚަރަދު ކުޑަކޮށް، ވާދަވެރި މާހައުލެއް އޮންނަންޖެހޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

"އޭވިއޭޝަން ސިޔާސަތުތައް ބައްޓަންކުރަންވާނީ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވާ ގޮތަށް. ތެޔޮ ވިއްކައިގެން ބިލިއަނުން ފައިދާ ހޯދުމަކަށް ނޫން." އަމްރު ވިދާޅުވެފައިވެއެވެ.

އަމްރު މިފަދައިން ވިދާޅުވެފައިވާއިރު، އެމް.އޭ.ސީ.އެލުން މިއަދު ބުނީ، މީގެ ކުރިން 1.19 ޑޮލަރަށް ލިބެން ހުރި ޖެޓް ފިއުލް ލީޓަރެއްގެ އަގު މިހާރު ވަނީ 1.69 ޑޮލަރަށް އުފުލިފައި ކަމަށެވެ. މިއީ ލީޓަރަކުން 50 ސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ ގާތްގަނޑަކަށް 42 އިންސައްތައިގެ ބޮޑުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު