ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، ދުވާލަކު 8 ގަޑިއިރު ނިދުމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ވަރުބަލިކަން ފިލުވައިދޭނެ ކަމެކެވެ. ނަމަވެސް، މުޅި ރޭ ނިދުމަށްފަހު ހެނދުނު ހޭލާއިރު ވެސް ބައެއް މީހުންނަށް އާދަޔާ ހިލާފު ވަރުބަލިކަމެއް އިހުސާސް ކުރެވެއެވެ. ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި، ނިދުމަކީ ހަމައެކަނި އަރާމުކުރުމެއް ނޫނެވެ. ނިދުމާއި އަރާމުކުރުމަކީ ތަފާތު ދެ ކަމަކަށް ވާއިރު، އަހަރެމެންގެ ހަށިގަނޑަށް ތަފާތު ބާވަތްތަކުގެ "ރެސްޓް" ނުވަތަ އަރާމު ބޭނުންވެއެވެ.

ނިދުމަކީ ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ މަސައްކަތް މަޑުޖެހި، ހަށިގަނޑު މަރާމާތުވާ ވަގުތެކެވެ. ނަމަވެސް "އަރާމުކުރުން" ނުވަތަ ރެސްޓަކީ ހަށިގަނޑުގެ އެކި ދާއިރާތަކުން ހުސްވެފައިވާ ހަކަތަ އަލުން އިއާދަކުރުމެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އަހަރެމެންނަށް 7 ބާވަތެއްގެ އަރާމު ބޭނުންވެއެވެ. މީގެ ތެރެއިން އެއްވެސް ދާއިރާއަކުން އުނިވެއްޖެނަމަ، ކިތަންމެ ގިނަ އިރަކު ނިދި ނަމަވެސް ވަރުބަލިކަން އިހުސާސް ކުރެވޭނެއެވެ.

ފުރަތަމަ ކަމަކީ ޖިސްމާނީ އަރާމެވެ. މީގެ ތެރޭގައި ނިދުމުގެ އިތުރުން، ހަށިގަނޑަށް ލުއިދޭ ކަންކަން ކަމަށްވާ ޔޯގާ ނުވަތަ ހަށިގަނޑުގެ މަސްތައް ދެމުން ފަދަ ކަންކަން ހިމެނެއެވެ. ދެވަނައީ ނަފްސާނީ އަރާމެވެ. ދުވާލު ދިގުކޮށް މަސައްކަތް ކުރާއިރު ކުރު ބްރޭކްތައް ނުނަގާނަމަ، ސިކުނޑި ވަރުބަލިވެ، ނިދަން އޮންނަ އިރުވެސް ތަފާތު ހިޔާލުތަކުން ސިކުނޑި ބުރަވެފައި އޮވެއެވެ. މީގެ އިތުރުން، ޒަމާނީ ދިރިއުޅުމުގައި އިލެކްޓްރޯނިކް ވަސީލަތްތަކުން ލިބޭ "ސެންސަރީ އޯވަލޯޑް" ނުވަތަ ހިއްސުތަކަށް ލިބޭ ބުރައަކީ ވެސް ވަރުބަލިކަމުގެ ސަބަބެކެވެ. ގިނަ ވަގުތު ސްކްރީންތަކަށް ބެލުމާއި ގަދަ އަޑުތަކުގެ ތެރޭގައި އުޅުމަކީ ސެންސަރީ ރެސްޓް ބޭނުންވާނެ ކަމެކެވެ.

އަޅުގަނޑުމެންގެ އިހުސާސްތަކާއި ގުޅުންތަކަކީ ވެސް ހަކަތަ ހޭދަވާ ކަންކަމެވެ. އެހެން މީހުންގެ ކުރިމަތީގައި އަމިއްލަ ނަފްސުގެ ހަގީގަތް ފޮރުވައިގެން އުޅުމަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިވާ ކަމެކެވެ. އެހެންކަމުން "އިމޯޝަނަލް ރެސްޓް" ނުވަތަ އަސަރުތަކަށް އަރާމުދިނުމަކީ ތިމާގެ ހަގީގީ އިހުސާސްތައް ހާމަކުރުމެވެ. ހަމައެއާއެކު، ތިމާގެ ހަކަތަ ދަމައިގަންނަ މީހުންނާ ދުރުވެ، ހިތްހަމަޖެހުން ލިބޭ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ "ސޯޝަލް ރެސްޓް" ލިބިދޭނެ ކަމެކެވެ.

އުފެއްދުންތެރިކަމުގެ ދާއިރާ ނުވަތަ "ކްރިއޭޓިވް ރެސްޓް" އަކީ ވެސް މުހިންމު ކަމެކެވެ. އަބަދު އާ ހިޔާލުތަކަށް ވިސްނާ މީހަކަށް، ގުދުރަތީ ރީތި މަންޒަރުތައް ބަލާލުމާއި، އާޓް ފަދަ ކަންކަމުން ހިތްހަމަޖެހުން ހޯދުމަކީ ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ. އެންމެ ފަހު ކަމަކީ ރޫހާނީ އަރާމެވެ. މިއީ ތިމާގެ ދިރިއުޅުމުގެ މަގުސަދާ ގުޅިފައިވާ ކަމެކެވެ. އަޅުކަން ކުރުމާއި، މީހުންނަށް އެހީތެރިވުން ފަދަ ކަންކަމުން ހިތަށް ލިބޭ ހަމަޖެހުމަކީ ހަށިގަނޑުގެ ވަރުބަލިކަން ފިލުވައިދޭނެ ވަރަށް ބޮޑު ބާރެކެވެ.

8 ގަޑިއިރުގެ ނިންޖަކީ ހަމައެކަނި ޖިސްމާނީ އެއް ބަޔަށް ލިބޭ އަރާމެކެވެ. ހަގީގީ ތާޒާކަން ބޭނުންނަމަ، މަތީގައި ބަޔާންކުރެވުނު އެކި ދާއިރާތަކުން ހަށިގަނޑާއި ސިކުނޑިއަށް އަރާމުދޭން ދަސްކުރަންޖެހެއެވެ. ވަރުބަލިކަމުގެ އަސްލު ސަބަބު ދެނެގަނެ، އެ ދާއިރާއަކުން އަރާމު ހޯދުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް އެންމެ ކުރު މަގެވެ.



ކިޔުންތެރިންގެ ހިޔާލު