ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތައް ގުނަމުންދާއިރު، ބާޒާރުގައި ކުރުނބާ ފަނި ފުޅިއެއްގެ އަގު 120 ރުފިޔާއަށް އުފުލިއްޖެއެވެ.

މިއަދު ބާޒާރުގެ އަގުތަކަށް ބަލާއިރު، ކުރުނބާ ލިބެން ހުރީ 30 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މި ރޯދަމަސް ފެށުނުއިރު ކުރުނބާ ލިބެން ހުރީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް، ތައްޔާރުކޮށްފައި ހުންނަ ކުރުނބާ ފަނި ފުޅިއެއްގެ އަގު މިވަނީ 120 ރުފިޔާ އަށް އުފުލިފައެވެ.

ނަމަވެސް ބާޒާރުގައި އާންމުކޮށް ބޭނުންކުރާ ބައެއް އެހެން ބާވަތްތަކުގެ އަގުތައް މިހާރު ވަނީ މަޑުމަޑުން ހެޔޮވާން ފަށާފައެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން 60 ރުފިޔާއަށް ލިބެން ހުރި އަލަނާސިއެއްގެ އަގު މިހާރު ވަނީ 50 ރުފިޔާއަށް ތިރިވެފައެވެ.

މީގެ އިތުރުން، އިންޑިއާއިން ކަރާގެ އައު ޝިޕްމެންޓެއް ރާއްޖެއަށް ގެނައުމާ ގުޅިގެން ކަރާ ކިލޯއެއްގެ އަގު ވެސް ވަނީ 35 ރުފިޔާއިން 30 ރުފިޔާއަށް ދަށްވެފައެވެ. މި ރޯދަމަސް ފެށުނުއިރު ކަރާ ކިލޯއެއް ބާޒާރުގައި ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ.

މިއަދު ބާޒާރުގައި މިރުސް ކިލޯއެއް ހުރީ 230 ރުފިޔާ އާއި 280 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ލުނބޯ ކިލޯއެއް 70 ރުފިޔާއަށް ހުރިއިރު، ވެކިއުމް މަސް ކިލޯއެއް ލިބެނީ 120 ރުފިޔާއަށެވެ. އަދި ދޮންކެޔޮ ކިލޯއެއް 50 ރުފިޔާ އާއި 60 ރުފިޔާއަށް ލިބޭއިރު، ފަޅޯ ކިލޯއެއް ހުރީ 40 ރުފިޔާއަށެވެ. އޭގެއިތުރުން ހިކަނދިފަތް ކޯޅިއެއް 10 ރުފިޔާއަށް ލިބެން ހުރިއިރު ރާނބާ ފަތެއް ލިބެނީ 5 ރުފިޔާއަށެވެ.

ރޯދަމަހުގެ ތެރޭގައި ބާޒާރުގެ އަގުތަކަށް މިފަދަ ބަދަލުތައް އަންނަމުންދާއިރު، އާންމު ރައްޔިތުން ބުނަމުންދަނީ މިދިޔަ ރަމަޟާން މަހަށްވުރެ މި ރަމަޟާން މަހު އަކެތީ އަގު އުފުލިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު