ވަގަށް ނަގާފައިވާ ލޯ ނަރުތަކެއް ވިއްކަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ބަންދު އަމުރު ނެރެފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި، ވަގަށް ނަގައި ބުރިކޮށްފައިވާ ލޯ ނަރުތައް އެ މީހުންގެ އަތުން ފެނުނުކަމުގެ ހެކިތައް ހިމެނެއެވެ.

ޝަރީއަތުގެ މަޖިލީހުގައި 37 އަހަރުގެ މީހާ ވަނީ އެ ތަކެތި ވަގަށް ނެގި ކަމަށް އިއުތިރާފުވެފައެވެ. އަދި 44 އަހަރުގެ މީހާ ބުނެފައިވަނީ އެ ތަކެއްޗަކީ ވަގަށް ނަގާފައިވާ އެއްޗެއްކަން ނޭނގުނު ނަމަވެސް، އެ ތަކެތި ވިއްކުމުގެ މަސައްކަތުގައި އޭނާ ބައިވެރިވި ކަމަށެވެ. މި ދެ މީހުންނަކީވެސް މީގެ ކުރިން ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް ދެ މީހުންނެވެ.

ކަރަންޓު ކޭބަލްތައް ބުރިކޮށް، އޭގައި ހުންނަ ލޯ ނަރު ވަގަށް ނެގުމަކީ ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ނުރައްކާތެރި ކުށެކެވެ. މިފަދަ އަމަލުތައް ހިންގުމުގެ ތެރޭގައި ކަރަންޓުގައި ޖެހި، ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ގެއްލުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ.

މިކަމުގެ ނުރައްކާތެރިކަން ބޮޑުވުމާއެކު، ސްޓެލްކޯއާއި ފެނަކައިންވެސް ވަނީ މިފަދަ ވައްކަންތައް ނުކުރުމަށާއި، އާންމު ރައްޔިތުން މިކަމަށް ސަމާލުވުމަށް މީގެ ކުރިން އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު