މާލެ ނޯތު ހާބަރުން އުޅަނދުފަހަރަށް ޖާގަ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

އެމްޕީއެލްއިން މިއަދު ބުނީ މި އާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ. މި ބަދަލުތަކަކީ ހާބަރުގެ ޖާގަ ބޭނުން ކުރުމުގައި އުޅަނދުފަހަރަށް ވީހާވެސް އިންސާފުވެރި އަދި އަވަސް ނިޒާމެއް ގާއިމުކުރުމަށް ގެނެވޭ ބަދަލުތަކެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އަލަށް ގެނައި ބަދަލުތަކުގެ ދަށުން، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު ފުރާ ވަގުތުން ފެށިގެން ކޮންމެ ކިޔޫއެއްގައި ވެސް ނަން ނޯޓު ކުރެވޭނެއެވެ. ކިޔޫ ތަރުތީބުން ކީވޯލުން ޖާގަ ދިނުމަށް ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔޫއިން ވަގުތީ ގޮތުން 'ހޯލްޑް' ކުރެވޭނެއެވެ. އެއަށްފަހު ޖާގަ ދޭނީ ކިޔޫގައި ދެން ތިބި އުޅަނދުތަކަށެވެ.

މިގޮތަށް 'ހޯލްޑް' ކުރެވޭ އުޅަނދުތައް އަލުން ކިޔޫއަށް އިތުރުކުރެވޭނީ (އަންހޯލްޑް ކުރެވޭނީ)، އެ އުޅަނދެއް ގްރޭޓާ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ.

އެމްޕީއެލްއިން ބުނީ މިއީ އުޅަނދުތަކުގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށެވެ. އަލުން ކިޔޫއަށް އިތުރުކުރާ އުޅަނދުތަކަށް ޖާގައެއް ދޭނީ 'އަންހޯލްޑް' ކުރިތާ 2 ގަޑިއިރު ފަހުންނެވެ. އެ ވަގުތު ހަމަވުމުން ގުޅުމުންވެސް ޖާގައަށް ކައިރިނުކުރެވިއްޖެ ނަމަ، ގިނަވެގެން 3 ފަހަރު ޖާގަ ފަސްކޮށްދެވޭނެއެވެ. ނަމަވެސް 4 ވަނަ ފަހަރު ކިޔޫއިން ކެންސަލްވާނެއެވެ.

އޭ-ޒޯން އަދި ސީ-ޒޯންގައި 'ހޯލްޑް' ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔޫގައި 'ހޯލްޑް' ނުވަތަ 'ޕޯސްޓްޕޯން' ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެކްސްޕްރެސް ކިޔޫއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 ގަޑިއިރެވެ. އެ ވަގުތުގެ ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އުޅަނދު ކިޔޫއިން ކެންސަލްވާނެއެވެ. އަދި މި 4 ގަޑިއިރަށް ކީވޯލް ޗާޖް ހިނގާނެއެވެ.

މީގެ އިތުރުން، އޭ-ޒޯނާއި ސީ-ޒޯން ކިޔޫއިން 'ހޯލްޑް' ކުރުމަށްފަހު 'އަންހޯލްޑް' ނުކޮށް ގިނަވެގެން ބޭއްވޭނީ 5 ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. އެ މުއްދަތު ހަމަވުމުން ކިޔޫއިން އުޅަނދު އުނިކުރެވޭނެއެވެ.

އެމްޕީއެލްއިން ވަނީ ނޯތު ހާބަރުން ފުރުމަށްފަހު ކިޔޫގައި ނަން ނޯޓުކުރުމާއި، ކިޔޫއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އުޅަނދުތަކުގެ އަމިއްލަ ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު