ބަލިމީހުން އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފެށި އެއާ އެމްބިއުލަންސްގެ ހިދުމަތުގެ ދަށުން، މިހާތަނަށް 1،755 ދަތުރުކޮށް 2،270 ބަލިމީހުން ރައްކާތެރިކަމާއެކު އުފުލައިދީފިއެވެ.

ރާއްޖޭގައި އެއާ އެމްބިއުލަންސްގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 1 މާޗު 2024 ގަ އެވެ. މި ހިދުމަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންސްޕާއިން މުހިންމު ދައުރެއް އަދާކުރެއެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އިއްޔެ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ހާއްސަކޮށް ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ކަންކަން އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެއާ އެމްބިއުލަންސްގެ ހިދުމަތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑު ތަސައްލީއެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 85.1 މިލިއަން ރުފިޔާ މާލީ އެހީގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އަދި އެއާ އެމްބިއުލަންސްގެ ހިދުމަތަށް ޖުމްލަ 114،110،000 ރުފިޔާގެ މާލީ އެހީ މިހާތަނަށް ދޫކޮށްފައިވާ ކަމަށް އެ އިދާރާ އިން ހާމަކުރެއެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގާތުން ފަރުވާ ދެވޭނެ އިންތިޒާމުތައް ފުޅާކުރުމެވެ. މި މަސައްކަތުގެ ދަށުން ރަށްރަށަށް ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުވުމާއި، ކަނޑުމަގުން ބަލިމީހުން އުފުލުމަށް ބޭނުންވާ ސްޕީޑް ލޯންޗުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ކުއްލި ހާލަތްތަކުގައި ބޭނުންވާ ސިއްހީ ފަރުވާ އެއްވެސް ދަތިކަމެއް ނެތި އަވަހަށް ފޯރުކޮށްދިނުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު