ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ސާބިތުވެ، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރު ދުވަހަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 2024 ވަނަ އަހަރު ޔޫއެސް ބަންގްލާ ފްލައިޓުން ރާއްޖެއައި ބަންގްލަދޭޝް މީހަކު، އޭނާ ގެނައި ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެކެވެ. އޭނާ ރާއްޖެ އައި ވަގުތު ކަސްޓަމްސް އިން އޭނާގެ ތަކެތި ފާސްކުރިއިރު، ދަބަހުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާތީ، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސްތަކަށްފަހު އިއްވި ހުކުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އަދަބެއްގެ ގޮތުން އޭނާ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށްލުމަށާއި، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު