ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލެ ސިޓީއަށް ޚާއްޞަކޮށްގެން އެކުލަވާލި މެނިފެސްޓޯ ރަސްމީކޮށް މިރޭ ނެރެފިއެވެ.

އާޓިފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިފްތިތާޙްކުރި މި މެނިފެސްޓޯއަށް ދީފައިވާ ނަމަކީ "އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު" އެވެ. މި މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި އަވަސް ޙައްލުތަކެއް ހޯދައިދީ، އުފާވެރި ފާގަތި ދިރިއުޅުމެއް ބިނާކޮށްދިނުން ކަމަށް އެމްޑީޕީން ހާމަކުރެއެވެ.

މި މެނިފެސްޓޯ ބަހާލެވިފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ:

*ފަހި ދިރިއުޅުން

*ވިޔަފާރިއަށް ފަހިކޮށްދިނުން

*ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދިނުން

"ފަހި ދިރިއުޅުން" ދާއިރާގެ ދަށުން ބޯހިޔާވަހިކަމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން މާލޭގެ އިޚްތިޞާޞްގެ ތެރޭގައި ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިމަނައި، އެ ސަރަޙައްދުތަކުން ދޫކޮށްފައިވާ ގޯތިތައް އަވަހަށް ޙަވާލުކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން، ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް ގެދޮރު ބިނާކުރުމުގައި އެހީތެރިވުމަށް "ރިވޯލްވިންގް ފަންޑެއް" އުފެއްދުމާއި، ސިނަމާލޭ ފްލެޓްތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުތައް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މާލޭގެ ދަތުރުފަތުރާއި މަގުތަކުގެ ނިޒާމަށް ބަލާއިރު، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ޕާކިންގް މައްސަލައަށް ޙައްލު ހޯދުމަށް މަލްޓި-ޕާޕޯސް އަދި ގޭދޮށު ޕާކިންގް ތަޢާރަފުކުރުން ހިމެނެއެވެ. ހަމައެހެންމެ، ބޭރުމަގު ފުޅާކުރުމާއި، ކޮމިއުނިޓީ ޕޮލިސިންގް އަދި ޓްރެފިކް މެނޭޖްމަންޓް ޔުނިޓެއް އުފެއްދުމަކީ ވެސް މެނިފެސްޓޯގެ މުހިންމު ބައިތަކެކެވެ.

އިޖުތިމާޢީ އަދި ދީނީ ކަންކަމަށް ބަލާއިރު، މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގުމާއި، ޙާފިޒުން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އަލަތު ކައިވެނީގެ ޙަފުލާތައް ހިލޭ ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ހަނި މަގުތަކަށް ވަދެވޭނެ ފަދަ އުޅަނދުތައް ބޭނުންކުރުމާއި، ބޭނުންކޮށްފައިވާ ތަކެތި ވިއްކޭނެ "ސެކަންޑް-ހޭންޑް މާކެޓެއް" އުފެއްދުން ވެސް ވަނީ ހިމަނާފައެވެ.

އިޤްތިޞާދީ ދާއިރާއިން މާލޭގެ މާރުކޭޓުތައް ތަރައްޤީކުރުމާއި، ތަކެތީގެ އަގުތައް ޑިޖިޓަލްކޮށް ބެލޭނެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ވިލިމާލޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރުމާއި މުރަކަ އިންދުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވެސް މެނިފެސްޓޯގައި ކަނޑައަޅާފައިވެއެވެ.

ކައުންސިލް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ބަޖެޓު އެކުލަވާލުމުގައި މަޝްވަރާ ހޯދުމާއި، ބިންތަކާ ބެހޭ މަޢުލޫމާތު ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ވެސް އެމްޑީޕީގެ މި މެނިފެސްޓޯގައި އިސްކަންދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު