ރެޕިޑް އެންޓިޖެން ޓެސްޓް ކިޓް
ރެޕިޑް އެންޓިޖެން ޓެސްޓް ކިޓް
އެންޓިޖެން ޓެސްޓަށް ރާއްޖޭގައި ހުއްދަ ދީ އެ ބޭނުންކުރާނެ ގައިޑްލައިން އެޗްޕީއޭ އިން އާންމުކޮށްފި އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ހަށިގަނޑުގައި ކޯވިޑް-19 ހުރިކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެނެގަނެވޭ އެންޓިޖެން ޓެސްޓު ބޭނުންކުރުމުގެ ހުއްދަ އޮންނާނީ ހެލްތު މިނިސްޓްރީން މި ޓެސްޓުގެ ބޭނުންކުރުމަށް ހުއްދަ ދީފައިވާ ހެލްތު ފެސިލިޓީތަކުގައި އެކަންޏެވެ. އަދި ބޭނުންކުރާ ކިޓަކީ އިމަޖެންސީ ބޭނުމަށް ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ނުވަތަ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓުގައި ހިމަނާފައިވާ ކިޓަކަށް ވާންޖެހޭނެ އެވެ.

އެޗްޕީއޭ އިން ބުނީ އެންޓިޖެން ޓެސްޓު ކުރާނީ ހަމައެކަނި ބަލީގެ އަލާމާތް ހުންނަ މީހުންގެ އަލާމާތް ފެންނަތާ ހަތް ދުވަސް ތެރޭގައި ކަމަށާއި، އަލާމާތް ފެންނަން ފަށާތާ ފަސް ދުވަސް ފަހުން ކުރާ އެންޓިޖެން ޓެސްޓެއް ނެގެޓިވް ވެއްޖެ ނަމަ އެ މީހަކު ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާގެ ޔަގީންކަން އެންމެ ބޮޑުވާނީ ބަލީގެ ކުރީކޮޅު، ހަށިގަނޑުގައި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ހުންނައިރު އެވެ.

މީގެ އިތުރަށް ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށްތަކުގައާއި، ބަލި ފެނުމުގެ ފުރުސަތު ކުޑަ ހާލަތްތަކުގައި މި ޓެސްޓު ބޭނުން ނުކުރެވޭނެކަމަށް ގައިޑްލައިންގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ތަނެއްގައި ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހެލްތު ފެސިލިޓީއެއްގައި މި ޓެސްޓު ބޭނުންކުރާ ނަމަ އިތުރު ހުއްދައެއް ބޭނުންނުވާނެ ކަމަށާއި އެ ނޫން ތަނެއްގައި ބޭނުންކުރާ ނަމަ ހާއްސަ ހުއްދައެއް ނަގަންޖެހޭނެ ކަމަށް ގައިޑްލައިންގައިވެއެވެ.

ސިއްހީ ދާއިރާގެ ސާމާނު އުފެއްދުމުގެ އެންމެ ކުރީސަފުގައި ހިމެނޭ އެމެރިކާގެ އެބޮޓުން އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ އެންޓިޖެން ޓެސްޓް ކިޓަކީ ކްރެޑިޓް ކާޑެއްހާ ކުޑަ، އަދި އިތުރު އިކުއިޕްމަންޓެއްގެ އެހީއާ ނުލައި ނަތީޖާ ލިބޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ. ނަތީޖާ އަވަސް ވުމުގެ އިތުރުން، އެބޮޓުން ބުނީ އަލަށް ތައާރަފްކުރި ޓެސްޓަށް ނޭފަތުން ސާންޕަލް ނަގާއިރު، މިހާރު ޓެސްޓް ކުރާއިރު އެކަން ކުރާ ވަރަށް ވުރެ ވަރަށް ބޮޑުތަން ފަސޭހަވާނެ ކަމަށެވެ.

އެބޮޓުން އަލަށް ތައާރަފްކުރި ޓެސްޓް މިހާރު އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އިރު، އިތުރު ގައުމުތަކަށް، މީގެ އެތައް މިލިޔަން ޓެސްޓް ކިޓް ފޮނުވަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން އެ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމަށްވާ މެޑްޓެކުން ވަނީ މި ޓެސްޓް ރާއްޖެއަށް ވެސް ތައާރަފުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން