މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަވެރި ހާލަތާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކޮށް، ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރުބޮޑުވެ، ވަރަށް ބޮޑަށް ތޮއްޖެހިއްޖެއެވެ.

މިކަމާ ގުޅޭގޮތުން މަޝްހޫރު ޓްރެވަލް އެޖެންސީ، އިނާ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު އެއާޕޯޓުގެ ހާލަތަށް ބަލާއިރު 2000 އަށްވުރެ ގިނަ ފަތުރުވެރިން އެއާޕޯޓުގައި ތާށިވެފައި ތިބި ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި އިންތިޒާމުތައް ކަމާބެހޭ ފަރާތްތަކުން ވަގުތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައިވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުންދާތީ، އެ ސަރަހައްދުގެ ގިނަ ގައުމުތަކަކުން މިހާރު ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

މި ހާލަތާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލައިދޭ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ފަދަ މަޝްހޫރު އެއާލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ގަތަރު އެއާވޭސްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދަތުރުތައް މެދުކަނޑާލަން ޖެހުނީ ސަލާމަތީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ހަމައެއާއެކު، އެމިރޭޓްސްއިން ވެސް ވަނީ ދުބާއީއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

މި ހަލަބޮލި ދަނޑިވަޅުގައި، މިއަދު މާލޭން ދުބާއީއަށް ފުރި ފްލައިޓެއް ވެސް ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުން ވަނީ އަނބުރާ ރާއްޖެއަށް ޖައްސާފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންނަކީ ދުބާއީ އާއި ދޯހާ މެދުވެރިކޮށް ޓްރާންސިޓްކޮށްފައި އަންނަ ބަޔަކަށް ވުމުން، ފްލައިޓްތަކަށް އައި މި ބަދަލާއެކު އެތައް ސަތޭކަ ދަތުރުވެރިންނެއް ވަނީ އެއާޕޯޓުގައި ތާށިވެފައެވެ.

ވީއައިއޭގެ މިހާރުގެ ހާލަތަށް ބަލާއިރު، އަލަށް ހުޅުވި އިންޓަނޭޝަނަލް ޓާމިނަލް ވަނީ ފަތުރުވެރިންނާއި ދަތުރުވެރިންނުން ފުރިބާރުވެފައެވެ. މި ކުއްލި ހާލަތާ ގުޅިގެން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު