މާލޭގެ ހިތްފަސޭހަ މައިދާންތައް ކަމަށްވާ ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކު އަދި ސުނާމީ ބިނާ ސަރަޙައްދު މަރާމާތުކޮށް، ކުރިއަށް އޮތް ފިޠުރުޢީދަށް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށްވާއިރު، ރައްޔިތުން ހިތްފަސޭހަކޮށްލަން ހުރި ޕާކުތަކާއި މައިދާންތައް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޓީ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނާއި، ރަސްފަންނު އަދި އާޓިފިޝަލް ބީޗް ފަދަ ތަންތަން ހަލާކުވެ، މާލޭގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު އިހާނެތިކަމެއް ލިބިފައި ކަމަށެވެ.

"ސަލްޓަން ޕާކު އޮތީ ވީރާނާވެފައި، ޖުމްހޫރީ މައިދާން އޮތީ ހަލާކުވެފައި. އެހެންވީމާ ސަރުކާރުން މިހާރު މިވަނީ މި ހުރިހާ ތަނެއް ހަދަން ފަށާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، ސަލްޓަން ޕާކު ވެސް ޒަމާނީ އައު ފީޗާސްތަކަކާއެކު އީދަށް ނިންމުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އެއްކޮށް ހަލާކުވެފައި އޮތް ސުނާމީ ބިނާ ހުރި ސަރަޙައްދު ވެސް ބޮޑު މަރާމާތަކަށްފަހު އީދަށް ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެ ފޭސް 3 އާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ރަސްމާލެއިން މިހާތަނަށް 385 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި، މިއީ ހުޅުމާލޭގެ ދެ ފޭސްއާ ގާތްގަނޑަކަށް އެއްވަރުގެ ބޮޑު ސަރަޙައްދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން، އޭޕްރީލް މަހުގެ ނިޔަލަށް މި މަސައްކަތްތައް ނިންމުމަކީ އަމާޒެއް. އޭރުން އެތައް ހާސް ބަޔަކަށް ގޯއްޗާއި ފްލެޓް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކަށް ބައެއް ކައުންސިލްތަކުން ސިޔާސީ ގޮތުން ހުރަސްއަޅަމުންދާ ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދިކީލި ވިސްނުމުގެ ކައުންސިލްތަކުގެ ސަބަބުން ރާއްޖޭގެ 56 ރަށެއްގައި ފަށަން އުޅުނު މަސައްކަތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކައުންސިލްތަކުން ކުރިމަތިކުރާ ހުރަސްތައް ނައްތާލުމަށް ރައްޔިތުންގެ އެހީތެރިކަމަށް ރައީސް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު