އުމުރުން އެންމެ 12 އަހަރުގެ އަންހެން ދޮންދަރިއަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، އެ ކުއްޖާގެ ދޮންބައްޕަ 15 އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހައިކޯޓުން އިއްޔެ ނިންމައިފިއެވެ.

މި މައްސަލައަކީ 12 އަހަރުގެ ދޮންދަރި ސްކޫލަށް ގެންގޮސް ގެނެސްދިނުމުގައާއި، ސައިކަލު ބުރުޖަހަން ގޮސް އުޅުމުގައި އަދި ގޭތެރޭގައިވެސް އެ ކުއްޖާއާ މެދު ތަކުރާރުކޮށް ޖިންސީ އަމަލު ހިންގާފައިވާތީ ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދަށު ކޯޓުން މި މައްސަލައިގައި ހުކުމް އިއްވިއިރު، ދޮންބައްޕަގެ މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓަށާއި، ކުއްޖާގެ ނަފްސާނީ (ސައިކޮލޮޖިކަލް) ރިޕޯޓަށް ރިއާޔަތްކޮށްފައިވެއެވެ. އެ ރިޕޯޓުތަކުން ކުއްޖާއަށް ޖިންސީ ގޯނާއާއި އަނިޔާ ލިބިފައިވާކަން ސާފުކޮށް އެނގެން އޮތުމުން، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ނަމަވެސް، ދަށު ކޯޓުގެ މި ހުކުމަކީ ގޯސް ހުކުމެއް ކަމަށް ބުނެ، އެ ހުކުމް ބާތިލްކޮށްދިނުމަށް އެދި ދޮންބައްޕަގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއެވެ.

މި އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ، އިސްތިއުނާފު ކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ އެއްވެސް ގާނޫނީ ސަބަބެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން، ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު