ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައެޅުމުގައި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މެދުގައި ހޮސްޕިޓަލްތަކުން ތަފާތުކުރުންތަކެއް ގެންގުޅެމުންދާތީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ 15 ފެބްރުއަރީ 2026 ގައި އިޢުލާން ކުރައްވާފައެވެ. ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ މެދުގައި ތަފާތު ގަޑިތަކެއް ކަނޑައެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްއެޗްޕީޔޫ އިން ބުނެއެވެ.

އެމްއެޗްޕީޔޫ އިން ބުނީ 1 ނޮވެންބަރު 2025 ގައި ދިވެހި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ދައުލަތުގެ އައު ވަޒީފާގެ އޮނިގަނޑަށް ބަދަލުވެފައިވާއިރު، މި އޮނިގަނޑުގެ ދަށުން "ނޭޝަނަލް ޕޭ ސްޓޭންޑަރޑްސް" އާ އެއްގޮތަށް ހުރިހާ މުވައްޒަފުންނަށް އެއް މިންގަނޑަކުން އަމަލުކުރަން ޖެހޭނެ ކަމަށެވެ. މިފަދަ ތަފާތުކުރުންތަކަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއާއި ވަޒީފާއާ ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ސިފަކުރެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އައު ޕޭ ފްރޭމްވޯކްގެ ދަށުން މުސާރަ ކަނޑައަޅާފައިވަނީ ދުވާލަކު 8 ގަޑިއިރުގެ މަސައްކަތަށް ބަލައިގެން ކަމަށްވީ ނަމަވެސް، ސަރުކާރުން ދީފައިވާ ލުއިތަކުގެ ދަށުން ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ދުވާލަކު 6 ގަޑިއިރު ކަމަށެވެ. އެހެންނަމަވެސް، ސިއްހީ ދާއިރާގެ ބައެއް ގިންތިތަކުގެ މުވައްޒަފުން ރަމަޟާން މަހުވެސް 6 އާއި 8 ގަޑިއިރާ ދެމެދު މަސައްކަތް ކުރަން މަޖުބޫރު ކުރުވުމަކީ ބޭއިންސާފެއް ކަމަށް އެމްއެޗްޕީޔޫ އިން ފާހަގަކުރެއެވެ. ވަކިން ޚާއްޞަކޮށް، ރައީސް ކަނޑައަޅުއްވާފައިވާ 4 ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތަށް އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް މަސައްކަތް ކުރުވުމަކީ ބޮޑު އިހުމާލެއް ކަމަށް ބަޔާނުގައިވެއެވެ.

ރަމަޟާން މަހަކީ އަޅުކަމަށް ވަގުތު ހުސްކުރުމަށް ސަރުކާރުން ލުއިދީފައިވާ މަހަކަށްވާއިރު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބުރަ މަސައްކަތެއް ކުރާ ސިއްހީ ޚިދުމަތްތެރިންނަށް މިފަދަ ތަފާތުކުރުންތަކެއް ކުރިމަތިވުމަކީ އެ މުވައްޒަފުންގެ މެދުގައި ފިތުނަ އުފެދި، މަސައްކަތުގެ މާހައުލަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

އެހެންކަމުން، ރައީސް އޮފީހުން ކަނޑައަޅާފައިވާ 4 ގަޑިއިރަކީ ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ ވެސް ރަސްމީ ގަޑި ކަމުގައި ހަމަޖެއްސުމަށާއި، އެއަށްވުރެ އިތުރަށް ކުރާ މަސައްކަތަށް އެކަށީގެންވާ އިނާޔަތް ދިނުމަށް އެމްއެޗްޕީޔޫ އިން ވަނީ ސަރުކާރަށާއި ނޭޝަނަލް ޕޭ ކޮމިޝަނަށް ގޮވާލާފައެވެ. އަދި އަހަރުގެ ހުރިހާ ދުވަހަކުވެސް ހުރިހާ މުވައްޒަފުންނަށް އެއް ހަމައަކުން އަމަލުކުރުމަށް އެ ޖަމިއްޔާ އިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު