މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް، އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވަނީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކުރައްވައި، މިހާރު ދެ ޑްރެޖަރަކުން އެ މަސައްކަތް ކުރަމުންދާކަން ހާމަކުރަށްވާފައެވެ. ނަމަވެސް، މި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އެމަނިކުފާނު މި މެސެޖުގައި ދެއްވާފައެއް ނުވެއެވެ.

މި މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ޖުމުލަ 264.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މެދުކެނޑުމަކަށްފަހު މިދިޔަ މަހު އަލުން މި މަސައްކަތް ފަށާފައިވާއިރު، އޭގެ ކުރިން ވަނީ އެ ސަރަހައްދުން 54 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1,250 އަކަފޫޓުގެ 2,603 ގޯއްޗާއި، 1,650 އަކަފޫޓުގެ 1,214 ގޯއްޗާއި، 2,050 އަކަފޫޓުގެ 254 ގޯއްޗާއި، 2,450 އަކަފޫޓުގެ 1 ގޯއްޗެވެ.



ގިރާވަރުފަޅުގެ އިތުރުން، ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅު އަދި އުތުރުތިލަފަޅުގެ ބިންހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ތިން ޑްރެޖަރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ނިންމައި، ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު