ހދ. ކުމުންދޫ ފަޅުތެރެއަށް މިއަދު ހެނދުނު ދޯންޏެއް އަޑިއަށް ގޮސްފައިވާތީ، އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

މި ހާދިސާގައި އަޑިއަށް ގޮސްފައިވަނީ އެ ރަށު ސަންލައިޓްގޭ "އަޒުމް" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯންޏަކީ މާލެ ދަތުރުކުރާ ބޮޑު ދޯންޏަކަށް ބަދަލުކުރުމަށްޓަކައި، އޭގެ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދޯންޏެއް ކަމަށް މައުލޫމާތު ލިބެއެވެ.

ދޯނި އަޑިއަށް ދިޔަ ސީދާ ސަބަބު ސާފުވެފައި ނުވި ނަމަވެސް، ދޯނި ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ތާނގި ފަދަ ތަކެތި ބޭނުންކޮށްގެން ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"އެ ދޯނި ނެގުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އިލްތިމާސެއް." ކުމުންދޫ ކައުންސިލްގެ ޕޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.



މަރާމާތުގެ މަސައްކަތަށް ފަޅުތެރޭގައި އެދޯނި އޮންނަތާ ދުވަސްތަކެއް ވެދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތާއި، ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު