އުތުރު އިންޑިއާ ކަނޑުގެ ކާލްސްބާގް ރިޖް ސަރަހައްދަށް މެގްނިޓިއުޑް 5.0 ގެ ބާރުގަދަ ބިންހެލުމެއް އިއްޔެ ރޭ އަތުވެއްޖެއެވެ.

ފެބްރުއަރީ 9، 2026 ވީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:59 ހާއިރު (ޖީ.އެމް.ޓީ +4) އައި މި ބިންހެލުން އުފެދިފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުން އައި ސަރަހައްދަކީ ދިވެހިރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 1,167 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށާއި، އިންޑިއާ އަދި ސްރީލަންކާއަށް ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ކާލްސްބާގް ރިޖަކީ ބިންހެލުންތައް އާންމުކޮށް އަންނަ "ޑައިވާޖެންޓް" ޓެކްޓޯނިކް ޕްލޭޓް ބައުންޑަރީއަކަށް ވާއިރު، މި ބިންހެލުމުގެ ލޮޅުންތައް އިންހަބިޓެޑް ނުވަތަ މީހުން ދިރިއުޅޭ ރަށްތަކަށް އިހުސާސް ކުރެވިފައި ނުވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި ހާދިސާއަކީ ދުނިޔޭގެ ބިމުގެ ފަށަލައަށް އަންނަ ބަދަލުތަކާއި ހަކަތަ ބޭރުވަމުންދާ މިންވަރު ދައްކުވައިދޭ މުހިންމު ނިޝާނެއް ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

މި ސަރަހައްދުގެ ބިންހެލުންތަކާ ގުޅޭގޮތުން ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އަތުވެދާނެ އިތުރު ބިންހެލުންތަކުގެ ކުރިން ފެނިގެންދިޔަ "ޕްރީކާސާ" ނުވަތަ އިޝާރާތެކެވެ.

ހާއްސަކޮށް ފެބްރުއަރީ 14 އާއި 17 އާ ދެމެދު ބޮޑެތި ބިންހެލުންތަކެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް ދިރާސާވެރިން އަންދާޒާ ކުރެއެވެ. އެހެންކަމުން، ރާއްޖެއާއި އަރަބި ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން މިފަދަ ކަންކަމަށް ހޭލުންތެރިވެ، ކަމާބެހޭ އިދާރާތަކުން ނެރޭ ރަސްމީ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު