ފެބުރުއަރީ 8، 2012 އަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އަދި އަނިޔާވެރި ހާދިސާތަކުގެ ހަނދާންތައް އާކޮށްދޭ ދުވަހެކެވެ.

މި ދުވަހަކީ އޭގެ ކުރީ ދުވަހު، ފެބުރުއަރީ 7 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެދުނު ހަލަބޮލިކަމުގެ ތެރެއިން މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރު ފޯރި ދުވަހެކެވެ. ރައީސް ނަޝީދުގެ އިސްތިއުފާއަކީ ބަޣާވާތެއް ކަމަށް އެމްޑީޕީން ގަބޫލުކުރި ނަމަވެސް، ފަހުން އެކުލަވާލި ކޯނީ ރިޕޯޓުން ދެއްކީ އެއީ މަޖުބޫރުކަމެއް ނެތި ދެއްވި އިސްތިއުފާއެއް ކަމަށެވެ.

ފެބުރުއަރީ 8 ވަނަ ދުވަހު މާލޭގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި، ފުލުހުންނާއި ސިފައިންގެ ފަރާތުން އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެންދިޔައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި އައްޑޫ ސިޓީގައި މީހަކު މަރުވި ކަމަށް ފެތުރުނު ޚަބަރަކާއެކު، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހުމުގެ އަމަލުތައް ފެށިގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި، ކޯޓު އިމާރާތްތަކާއި، ދައުލަތުގެ މުހިއްމު ތަންތަން އަންދާލައި، ރައްޔިތުންގެ އެތައް ރެކޯޑުތަކެއް އަޅިއަށް ވެގެންދިޔައެވެ.

މި ހާދިސާތަކުގައި ދައުލަތަށާއި ރައްޔިތުންނަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބުނުއިރު، ހުޅުޖެހި މީހުންނަށާއި އާންމުންނަށް އަނިޔާކުރި ފަރާތްތަކަށް އެކަށީގެންވާ އަދަބެއް ދެވިފައިނުވާކަން ފާހަގަކުރެވެއެވެ. ސިޔާސީ ފިކުރަށް ބަލައި ކުށްވެރިންނަށް ފިޔަވަޅު ނޭޅުމަކީ ގާނޫނީ ހިމާޔަތް ލިބުމަށް އޮތް ހުރަހެއް ކަމަށާއި، ކުށްކުރާ ކޮންމެ ފަރާތަކަށް ހަރުކަށި އަދަބު ދިނުމަކީ މިފަދަ ހިތާމަވެރި ދުވަސްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. މިފަދަ ހާދިސާތަކުން އިބުރަތް ހާސިލުކޮށް، ގައުމުގެ އަމާންކަން ގާއިމުކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ.



ކިޔުންތެރިންގެ ހިޔާލު