ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބުދު ﷲ މުއްތަލިބު ވިދާޅުވެއްޖެއެވެެ.

ކުޅުދުއްފުށީ ސިޓީގައި ރޭ ޕީއެންސީން ބޭއްވި ލޯކަލް ކައުންސިލް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ރައީސްގެ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ މި 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ޑިވެލޮޕަރުން ނުވަތަ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރިއަށްގެންދާ ކަމަށާއި، މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމުގެ އިތުރުން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ކުރިން ފަށާފައިވާ ހައުސިންގ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުރީ ސަރުކާރުން 2022 ވަނަ އަހަރުގެ ޖުލައި މަހު ފެށި 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢަކީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް މަޝްރޫޢެއް ކަމަށެވެ. އެ މަޝްރޫޢު އޭރު ހަވާލުކުރެވުނީ އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ކުންފުންޏަކަށް ކަމަށާއި، އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 5 މިލިއަން ޑޮލަރާއި، މަސައްކަތް ހިނގަމުން ދިޔައިރު 21 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

"ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް އައްޑިހަ މިލިއަން ރުފިޔާ ހަރަދުކޮށްފައި އޮތްއިރު، 18 މަސްދުވަސް ފާއިތުވެ ވެރިކަން ބަދަލުވިއިރު ނިމިފައިވަނީ އެންމެ 18 އިންސައްތަ މަސައްކަތް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ކުންފުންޏާ ވާހަކަދައްކައިގެން މަސައްކަތް ކުރިއަށް ގެންދެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ކުންފުނީގެ ފަރާތުން މަސައްކަތް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަމެއް ނެތުމުން މިދިޔަ އަހަރުގެ މެދުތެރޭގައި ކޮންޓްރެކްޓް ބާތިލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާރު އެ މަސައްކަތްވެސް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، މި މަސްތެރޭ ނޫނީ އެންމެ ލަސްވެގެން އަންނަ މަސްތެރޭގައި އެޗްޑީސީގެ ފަރާތުން މަސައްކަތް ކުރާނެ ބަޔަކު ހޯދައި، އެ 400 ޔުނިޓްގެ މަސައްކަތްވެސް އަލުން ފެށިގެންދާނެ ކަމަށް މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް