ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ޖަލުގައި އަމިއްލައަށް މަރުވި އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީން، ދެ އަންހެން ކުއްޖަކު މަރާލައި ވަޅުލުމަށް އަމުރުކުރި ކަމަށް ބުނާ އާ ހެކިތަކެއް ފެންމަތިވެއްޖެއެވެ.

ދާދި ފަހުން އާންމުކުރި އެޕްސްޓީންގެ މައްސަލައާ ގުޅޭ ތިން މިލިއަނަށްވުރެ ގިނަ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އީމެއިލެއްގައިވާ ގޮތުން، ބޭރު ގައުމުތަކަށް ނިސްބަތްވާ ދެ އަންހެން ކުއްޖަކު މަރުވީ އެޕްސްޓީންގެ ނިއު މެކްސިކޯގައި އޮންނަ "ޒޯރޯ ރާންޗް" ގައެވެ. މި ކުދިން މަރުވީ "ބާރުގަދަ ޖިންސީ އަމަލުތަކެއްގެ" ތެރޭގައި ކަރުގައި ހިފުމުގެ ސަބަބުން ކަމަށް އެ އީމެއިލްގައި ތުހުމަތުކޮށްފައިވެއެވެ.

އެޕްސްޓީންގެ ރާންޗުގައި މަސައްކަތްކުރި މުވައްޒަފަކު ފޮނުވި ކަމަށް ބުނާ މި އީމެއިލްގައި ބުނެފައިވަނީ، އެޕްސްޓީން އާއި އޭނާގެ ބައިވެރިޔާ ޖިލެއިން މެކްސްވެލްގެ އަމުރަށް އެ ދެ ކުދިންގެ ހަށިގަނޑު އެ ސަރަހައްދުގެ ފަރުބަދަތަކުގެ ތެރޭގައި ވަޅުލާފައިވާ ކަމަށެވެ. "ކޮންފިޑެންޝަލް: ޖެފްރީ އެޕްސްޓީން" ގެ ނަމުގައި ފޮނުވާފައިވާ މި އީމެއިލްގައި، އެޕްސްޓީން ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ލިންކުތަކެއްވެސް ހިމަނާފައިވެއެވެ. އަދި މި މައުލޫމާތާއި ވީޑިއޯތަކުގެ ބަދަލުގައި އެއް ބިޓްކޮއިން ދިނުމަށް އެ މީހާ ވަނީ ޑިމާންޑުކޮށްފައެވެ.

މި އީމެއިލް އެމެރިކާގެ ތަހުގީގީ އިދާރާ އެފް.ބީ.އައި އަށް ފޮނުވާފައިވަނީ 2019 ވަނަ އަހަރު އެޕްސްޓީން މަރުވިތާ ތިން މަސް ފަހުންނެވެ.

އެޕްސްޓީންގެ މި ބޮޑު ރާންޗަކީއަކީ ގާތްގަނޑަކަށް 13 އަކަ މޭލުގެ ސަރަހައްދެއްގެ މައްޗަށް ފެތުރިފައިވާ، އަމިއްލަ މަތިންދާބޯޓު ޖައްސާ ދަނޑަކާއި ބޮޑެތި އިމާރާތްތައް ހިމެނޭ ތަނެކެވެ. މި އާ މައުލޫމާތުތަކާއެކު، އެޕްސްޓީންގެ އަނދިރި މާޒީގައި ހިނގާފައިވާ އިތުރު ލާއިންސާނީ އަމަލުތަކުގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތްތަކަށް ވަނީ އާ ބާރެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު