ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅޭގޮތުން އަލަށް އާންމުވި ލިޔެކިޔުންތަކުގައި، ބިލް ގޭޓްސްއާ ގުޅުވައި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް އޭނާ ވަރަށް ބޮޑަށް އިންކާރު ކުރައްވައިފިއެވެ.

މި ލިޔެކިޔުންތަކަކީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދާދި ފަހުން އާންމުކުރި ތިން މިލިއަނަށްވުރެ ގިނަ ސަފުހާގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާގޮތުން، 2017 މާރިޗު 3 ގައި އެޕްސްޓީންގެ ފަރާތުން "ބިލް" ނަމަކަށް ރައްދުކޮށް ފޮނުވާފައިވާ އީމެއިލެއްގައި، "ޕެންޑެމިކް ސިމިއުލޭޝަން" ނުވަތަ ބަލިމަޑުކަމެއްގެ ތަޖުރިބާކުރުމުގެ މަޝްރޫއުތަކަކާއި، ސިއްހީ މައުލޫމާތު އެއްކުރާ ނިޒާމުތަކަކާ ބެހޭ ވާހަކަތަކެއް ހިމެނެއެވެ.

ނަމަވެސް، މި ވާހަކަތަކަކީ އާންމުކޮށް ފެންނަން ހުރި ފުރިހަމަ ލިޔެކިޔުންތަކެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ސްކްރީންޝޮޓްތަކެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަތަކެއްކަން ފާހަގަކުރެވެއެވެ.

މިކަމާ ގުޅިގެން ބިލް ގޭޓްސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެޕްސްޓީން އަމިއްލަ ނަފްސަށް ފޮނުވާފައިވާ ކަމަށް ބުނާ އީމެއިލްތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ އެއްޗެއް ނޫން ކަމަށެވެ.

ގޭޓްސްގެ ތަރުޖަމާނު ވިދާޅުވީ މި ލިޔެކިޔުންތަކުން ހާމަވަނީ އެޕްސްޓީން ގޭޓްސްއާ ގުޅުން ބަދަހިކުރަން ބޭނުންވި ނަމަވެސް އެކަން ކާމިޔާބު ނުވުމުން އޭނާގެ އަބުރު ކުުޅުވަން ކުރި މަސައްކަތްތަކެއް ކަމަށެވެ. މީގެ އިތުރުން، އެޕްސްޓީންއާ ބައްދަލުވުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށްވެސް ގޭޓްސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މި ލިޔެކިޔުންތަކުގައި ހިމެނޭ ބައެއް އިބާރާތްތަކުގެ ސަބަބުން، ފަހުން ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ފަދަ ބަލިމަޑުކަންތަކާ މިކަމާ ގުޅުމެއް އޮތް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، ރަސްމީ އެއްވެސް ތަހުގީގަކުން ނުވަތަ ހެއްކަކުން އެފަދަ ގުޅުމެއް މިހާތަނަށް ސާބިތުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު