ކްރިމިނަލް ކޯޓު-
ކްރިމިނަލް ކޯޓު-
ވާސްތަކެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަން ސާބިތުވި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމެއް އިއްވައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ، ވެހެތާނުގެ / އަބްދުﷲ ސޯދިގުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ޝްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރާއްޖެ އައިއިރު އޭނާ ހުއްޓުވައި ފާސްކުރި އިރު ލަގެޖުން ފެނުނު ވާސްއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމުންނެވެ. އެ ވާސްގެ ތެރޭގައި އޮތް ހަތަރު ރަބަރު ޕެކެޓްގައި 169 ގްރާމު ޑައިމޯފިން ވަނީ ފެނިފައެވެ.

އޭގެއިތުރުން ލަގެޖުގައި އޮތް އިތުރު ދެ ވާސްއެއް ތަޅާލައިގެން ބެލިއިރު އޭގައި ވެސް ޑައިމޯފިން ފޮރުވާފައި ހުރިކަން ވަނީ ސާބިތުވެފައެވެ. އެ ދެ ވާސްގެ ތެރެއިން 35 ގްރާމް ހުރި ދެ ރަބަރު ޕެކެޓާއި 68 ގްރާމް ހުރި ދެ ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އަބްދުﷲ ސޯދިގުގެ މައްޗަށް ދައުލަތުން އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ. އޭނާ ވަނީ މި ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި އޭނާއަށް އެނގިހުރެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ އަބްދުﷲ ސޯދިގު ގެނައި ލަގެޖު ފޮށިން ފެނުނު ވާސްތަކާ ގުޅިގެން ސުވާލުކުރުމުން، ދޮގުހަދައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ދޮގު ހަދައި އޮޅުވާލަން މަސައްކަތްކުރަން ޖެހޭނީ ކަމެއް ފޮރުވަން ކަމަށް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

އަދި ވާސްތަކުން ފެނުނު ތަކެއްޗާ ގުޅުމެއް ނެތްނަމަ، އޭގެ ހަގީގަތް ހާމަކުރަން ފަސްޖެހެން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ހުކުމުގައި ވެއެވެ.

މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ރާއްޖެ އައިިއިރު ގެނައި ފޮށިން ކަމަށްވާއިރު، އެކަމަށް އިންކާރުކޮށްފައިނުވާތީ އެ ތަކެެއްޗަކީ އޭނާ ރާއްޖެ އެތެރެކުރި ތަކެތިކަން ސާބިތުވާ ކަމަށް ވެސް ހުކުމްގައި ކަނޑައެޅިއެވެ.

އަބްދުﷲގެ މައްޗަށް ކުށް ސާބިތުވެފައިވާތީ ކޯޓުން ވަނީ އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 100،000ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް