ބަންޑާރަ ނައިބު އަހުމަދު އުޝާމް (ކ)
ބަންޑާރަ ނައިބު އަހުމަދު އުޝާމް (ކ)
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ދެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އުޝާމް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމުން ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމަށެވެ. މިއީ ސަރުކާރުން ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު ހުށަހަޅާފައިވާ ބިލެއް ކަމަށާއި، މިފަދަ ވޯޓެއް ނެގުމަށް ޤާނޫނީ ހުރަހެއް ނެތްކަން ކޮމިޓީގެ މެންބަރުންނަށް ބަންޑާރަނައިބު ސާފުކޮށް ދެއްވިއެވެ.

"ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މަދުވެގެން 45 ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ. އެއީ މިފަދަ އިންތިޚާބެއް އިންތިޒާމު ކުރުމަށް އެކަށީގެންވާ މުއްދަތެއް." އުޝާމް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ޙާލަތަށް އަލިއަޅުއްވާ ލައްވަމުން ބަންޑާރަނައިބު މިއަދު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކަށް ބަލާއިރު އެންމެ ބުއްދިވެރި ގޮތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއެކު މި ވޯޓު ކުރިއަށް ގެންދިއުން ކަމަށެވެ.

އުޝާމް މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނު އަސާސީއަށް މި އިސްލާހު ހުށަހަޅާފައިވަނީ ރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، ގިނަގިނައިން އިންތިޚާބުތައް ބޭއްވުމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމުގެ މަގްސަދުގައެވެ.



ކިޔުންތެރިންގެ ހިޔާލު