ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން
ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައި.ސީ.އީ) ބޭނުންކޮށްގެން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރި ކުރަށްވައި، ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އެކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރި ކުރަށްވައި ދުންޔާ މައުމޫން ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އައި.ސީ.އީ އަކީ ބިރުވެރިކަން ފެތުރުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ރައީސް ޓްރަމްޕް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެއީ ނުހަނު ކަންބޮޑުވާ އަދި ހިތާމަހުރި ކަމެއް ކަމަށް ދުންޔާ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ނިޒާމުގެ ތެރެއިން ޓްރަމްޕް ހިންގަމުންދާ މީހުން މެރުމުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރު މަމްދާނީ މިމައްސަލާގައި ދެއްވާފައިވާ ބަޔާނަށް ރިއާޔަތް ކުރައްވަމުން ދުންޔާ ވަނީ އެ ބަޔާނުގެ މުހިންމު ބައިތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން ނިއުޔޯކްގެ މޭޔަރު ވިދާޅުވެފައިވަނީ، އައި.ސީ.އީ އިން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް މިއަދު ކުރިއަށްދާ ޢާންމު ހަޅުތާލަކީ އެ މުއައްސަސާއަށް ކުރިމަތިކުރެވޭ ވަރުގަދަ ގޮންޖެހުމެއް ކަމަށެވެ.



އޭގެ އިތުރުން މޭޔަރު މަމްދާނީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ބިރުވެރިކަން ފެތުރުމަށްފަހު އެއީ ޤާނޫނު ތަންފީޒުކުރުން ކަމަށް ބުނާ ނިޒާމެއް ބަލައި ނުގަންނާނެ ކަމަށެވެ. އަދި މި އަނިޔާވެރިކަމާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ދައްކަމުންދާ ހިތްވަރަކީ މުޅި ދުނިޔެއަށް ލިބޭ ނަމޫނާއެއް ކަމަށާއި، އަސްލު ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައިކަން ނިއުޔޯކް ސިޓީގެ މޭޔަރު ފާހަގަކުރެއްވިއެވެ.

ދުންޔާ މައުމޫން މިފަދައިން ޝުޢޫރު ފާޅުކުރަށްވާފައި ވަނީ، އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާލިބި، އިންސާނީ ޙައްޤުތަކަށް އުނިކަން އަންނަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު