ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
ރާއްޖޭގެ އިޤުތިޞާދީ ހާލަތު ދަށްވެ، މާލީ ބޮޑު ނުރައްކަލެއްގެ ބޯވިލާގަނޑެއް ގައުމަށް ހިޔަނި އަޅަމުންދާ ކަމުގެ އިންޒާރު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފިއެވެ.

ފައިސަލް މިއަދު މީސްމީޑިއާގައި ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު ރަނގަޅު ކުރުމަށާއި ދަރަނި މެނޭޖު ކުރުމަށް މާލީ އިދާރާތަކުންނާއި، މި ދާއިރާގެ ތަޖުރިބާކާރުން ދެއްވާ ލަފަޔާއި މަޝްވަރާއަށް ސަރުކާރުން އިސްކަންދޭން ޖެހޭ ކަމަށެވެ. އަދިމިފަދަ ލަފާފުޅުތަކަށް ސަރުކާރުން އަމަލު ނުކުރުމުގެ ނަތީޖާއަކީ، ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުން ނޫން ގޮތެއް ނެތި، އެ މަގަށް ކަންކަން މަޖުބޫރުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުގެ ހާލަތަށް އަލިއަޅުއްވާ ލައްވަމުން ފައިސަލް ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުން ބިކަވެ ނިކަމެތިވަމުންދާ މައިގަނޑު ސަބަބު ކަމަށެވެ. މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވަމުންދާއިރު، ބޮޑެތި ވިޔަފާރިތަކަށްވެސް ކުރިއަށްދާނެ ގޮތެއް ނެތި ގޮތްހުސްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު. ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލަންޖެހޭ. އުފެއްދުންތެރިކަން އިތުރުކުރުމަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް މިހާރުން މިހާރަށް ތަބާވާންޖެހޭ." ފައިސަލް ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަލަބޮލިކަމަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ، މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖޭގެ އިޤުތިޞާދު ނުރައްކާތެރި ފުންގަނޑަކަށް ވެއްޓުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އެހެންކަމުން، ގައުމުގެ މާލީ ހާލަތު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާ މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، އިއްޔެ އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެބޭފުޅުން މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ނުލިބުނު ކަމަށް ވިދާޅުވުމަށްފަހުއެވެ.

އޭގެއިތުރުން މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު 2.4 ބިލިއަބް ރުފިޔާގެ ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން މީގެކުރިން ވަނީ އެކަން ދޮގު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު