ރައީސް މުޢިއްޒާއި ފިނޭސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަފުޅު ދައްކަވަނީ
ރައީސް މުޢިއްޒާއި ފިނޭސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ އިގްތިސާދަށް އައި ހެޔޮ ބަދަލުތަކާއެކު، ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނިތަކަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ހއ. ދިއްދޫގެ އެއާޕޯޓާއި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މާލޭގެ ކޮމާޝަލް ޕޯޓުތަކާއި އެއާޕޯޓުތައް ފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ ފުރުސަތަށް ބޭރުގެ ކުންފުނިތަކުން ބޭނުންވެފައިވާ ކަމަށެވެ. އަދި އިގްތިސާދީ ދާއިރާއިން މިހާރު ފެންނަމުންދާ ކުރިއެރުމަކީ ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރައީސް މުޢިއްޒަކީ ވަރަށް އިލްމީ، 'ހައި އެނަލިޓިކަލް އެބިލިޓީ' ނުވަތަ ފުންކޮށް ކަންކަން ދިރާސާކުރެއްވުމުގެ ގާބިލުކަން ހުންނެވި ބޭފުޅެއް. އެހެންކަމުން ލިބިވަޑައިގަންނަވާ ޕްރޮޕޯސަލްތަކާއި ވަޒީރުން އަރުވާ މަޝްވަރާތައް ވަރަށް ބޮޑަށް ބައްލަވާފައި ނޫނީ އެއްވެސް ނިންމުމެއް ނުނިންމަވާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ދެކެވޭ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން ޒަމީރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ބައްލަވާފައި ނިންމަވާ ނިންމެވުންތަކެއް ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެެއްވާފައެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އޭޕްރީލް މަހު މެޗުއަރވާ، (ދައްކަންޖެހޭ) ސުކޫކަށް ބޭނުންވާ ފައިސާ މިހާރުވެސް އެއްކުރަމުންދާ ކަމަށެވެ. އަދި ބަޖެޓު ހުށަހެޅިއިރު ރޭވިފައިވާ ގޮތަށް ހުރިހާ މަސައްކަތްތަކެއް ބާރު މިނުގައި ކުރިއަށްދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު