ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި-
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި-
މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. ވޭމަންޑޫ މީހަކު 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ތ. ވޭމަންޑޫ، ކަޅުހުރާގެ، އުމުރުން 28 އަހަރުގެ އަޙްމަދު ޝިމާލްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ޚުލާސާއަށް ބަލާއިރު، ޝިމާލް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު، އެތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ސާމާނު ފެނިފައިވެއެވެ. އަދި ތަހުލީލުތަކުން ކަށަވަރުވި ގޮތުގައި އެތަނުން ފެނުނު ތަކެތީގެ ތެރޭގައި 50 ގްރާމަށް ވުރެ ގިނަ ކެނަބިސް ހިމެނެއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ޝަރީއަތަށް ހުށަހެޅުނު ހެކިބަހާއި، ފޮރެންސިކް ރިޕޯޓްތަކުން ޝައްކެއް ނެތް މިންވަރަށް ޝިމާލްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކުށް ސާބިތުވުމާ ގުޅިގެން، ކޯޓުން ވަނީ އޭނާ 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމާއެކު، 50،000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް އަމުރުކޮށްފައެވެ. އަދި މި ޖޫރިމަނާގެ ފައިސާ، ހުކުމް ކުރި ތާރީޚުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ހުކުމުގައި ވަނީ އަންގާފައެވެ.

މީގެއިތުރުން، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު އޭނާގެ ޖަލު ހުކުމުގެ މުއްދަތުން އުނިކުރެވިގެންދާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް